އުއްތަރަ ޕްރަދޭޝްގެ އަޔޯދާގައި ހުރި ބާބްރީ މިސްކިތުގެ ބިން ހިންދޫންނަށް މިލްކުކޮށްދިނުމަށާ، އެ ބިމުގެ ބަދަލުގައި މިސްކިތް ބިނާ ކުރުމަށް އެކަށީގެންވާ ބިމެއް މުސްލިމުންނަށް ދިނުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ޕާކިސްތާނުން ހިންގަނީ "ތަސައްރަފު ނުފުދޭ" ޕްރޮޕަގަންޑާއެއް ކަމަށާ، ދޮގުތަކެއް ހަދައިގެން ޕާކިސްތާނުން ވާހަކަ ދައްކަމުންދާ ދިއުމަކީ އިންޑިއާގެ ދާހިލީ މައްސަލައިގެ ތެރެއަށް ޕާކިސްތާނުން ވަދެގަތުން ކަމަށް ބުނެ އިންޑިއާއިން ޕާކިސްތާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ޔުނެސްކޯ ޖެނެރަލް ކޮންފަރަންސް އޮން ޕޮލިސީ ޑިބޭޓްގައި އިންޑިއާގެ މިޝަންގެ ފަރާތުން އިސްކޮށް ހުންނަވާ ވާހަކަފުޅު ދައްކަވަމުން އަންނަޏާ އަގަރްވާލް ވިދާޅުވީ، ޕާކިސްތާނުން ހަދަމުންދާ ދޮގުތަކަކީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ހަދަމުންދާ ދޮގުތަކެއް ކަމަށާ، އިންޑިއާގެ ސުޕްރީމް ކޯޓާ ގުޅިގެން ޕާކިސްތާނުން ދައްކަމުންދާ އެއްވެސް އަސާސެއް ނެތް ވާހަކަތައް ކުށްވެރިކުރައްވާކަމަށެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަޔޯދާ ސިޓީގެ އާންމު މަލަމަތި ދައްކުވާދޭ ތަސްވީރެއް/ފޮޓޯ: ރޮއިޓާޒް

ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނަށް ބާރު ދިނުން ކަމަށާ، އެއީ ހުރިހާ ދީނެއްގެ މީހުންނަށް އެއް ހަމައަކުން އިހުތިރާމް ކުރާ ނިންމުމެއް ކަމަށާ، މިފަދަ ނިންމުމަކީ ޕާކިސްތާނުގެ ގަބޫލުކުރުންތަކާ ބީރައްޓެހި ނިންމުމެއް ކަމަށްވެސް އަގަރްވާލް ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު މިފަދަ ވާހަކަތަކެއް ދައްކާ، އެހެން ގައުމެއްގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ވަދެގެން ޕާކިސްތާނުން ދޮގު ވާހަކަތަކެއް ފަތުރަމުންދަނީ ނަފްރަތު އުފެއްދުމުގެ މަގުސަދުގައި ކަމަށްވެސް އިންޑިއާގެ އޮފިޝަލު ވަނީ ތުހުމަތު ކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަގަރްވާލް ވިދާޅުވީ، މާލީ ގޮތުން އިނދަޖެހިފައިވާ ޕާކިސްތާނުގެ ޑީއެންއޭގައިވެސް އޮތީ ޓެރަރިޒަމް ކަމަށެވެ. ޔުނެސްކޯ ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމަކީ ގައުމުތަކުން މުހިންމު ވާހަކަތަކެއް ދައްކާ، ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހި ކުރުމަށް ބޭނުން ހިފަމުންދާ ފުރުސަތަކަށް ވީ ނަމަވެސް ޕާކިސްތާނުން މިކަން ދެކެނީ ތަފާތު ގޮތަކަށް ކަމަށްވެސް އަގަރްވާލް ވަނީ ތުހުމަތު ކުރައްވާފައެވެ.

ހާޖީ މަހްބޫބު އަހުމަދު (ވ) އަކީ ބާބްރީ މިސްކިތުގެ މިލްކުވެރިކަން މުސްލިމުންނަށް ހޯދާދިނުމަށް ވަކާލާތުކުރާ މީހެއް/ފޮޓޯ: ދާނިޝް ސިއްދީގީ| އިޓާޒް

ބާބްރީ މިސްކިތް ހުރި ބިމުގެ މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިހުތިރާމް ކުރާ ކަމަށާ، އެމައްސަލައާއި ގުޅިގެން އިސްތިއުނާފު ކުރުން ފަދަ އެއް އަމަލެއް ނުހިންގާނެ ކަމަށް އުއްތަރަ ޕްރަދޭޝްގެ ސުންނީ ވަގުފް ބޯޑުންވަނީ ބުނެފައެވެ.

ޔުނެސްކޯގެ ބައްދަލުވުމުގައި އިންޑިއާއިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، ބާބްރީ މިސްކިތް ހުރި ބިމުގެ މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކީ، ދީނީ މިނިވަންކަން ދިނުމަށް ޔުނެސްކޯއިން ގެންގުޅޭ މިންގަނޑުތަކުގެ ރޫހާ ހިލާފު ނިންމުމެއް ކަމަށް ޕާކިސްތާނުގެ ތައުލީމާ ބެހޭ ވަޒީރު ޝަފްގަތު މަހްމޫދު ވިދާޅުވެފައިވަނިކޮށް، އެކަމަށް ރައްދު ދެމުންނެވެ.