ފަލަސްތީނު އިސްލާމިކް ޖިހާދުގެ ކަޅު ދިދަ ހިފައިގެން ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ގައްޒާގެ އަލް މުޖާހިދީން މިސްކިތަށް ޖަމާވެ ތިބީ އަބޫ މަލްހޫސް އާއިލާގެ 8 މެމްބަރުންގެ ޖަނާޒާގައި ބައިވެރިވުމަށެވެ.

އަބޫ މަލްހޫސް އާއިލާގެ 8 މެމްބަރުން މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލީ ބުރާސްފަތި ދުވަހަށް އަލިވިލުނުތާ މާ ގިނައިރެއް ނުވަނީސް އިސްރާއީލުން ދީލް އަލް-ބަލާހްއަށް ވައިގެ މަގުން ދިން ހަމަލާތަކުގައެވެ. މިއީ 48 ގަޑިއިރެއްހާއިރު ތެރޭގައި އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކުގައި މަރުވި 34 މެމްބަރުންގެ ތެރޭގައި ހިމެނުނު ބައެކެވެ.

އަންގާރަ ދުވަހުއްސުރެ ފެށިގެން އިސްރާއީލާ ގައްޒާއާއި ދެމެދު ބަދަލުކުރަމުންދިޔަ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސްފައިވާކަން ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިއުލާން ކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން އިސްރާއީލުން ދިން ހަމަލާ އަމާޒުވި ރަސްމީ އަބޫ މަލްހޫސްގެ އާއިލާ ދިރިއުޅެމުންދިޔަ ގެއަށެވެ. ރަސްމީ އަބޫ މަލްހޫސްއަކީ އިސްލާމިކް ޖިހާދުގެ މެމްބަރެކެވެ. އޭނާގެ ބޭބެ މުޙައްމަދަކީ ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)ގެ މެމްބަރެކެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާގައި ރަސްމީ ޝަހީދުވިއެވެ. އޭނާގެ 2 ވަނަ އަނބި މަރްޔަމްއާއި 11 ދަރިންގެ ތެރެއިން 3 ދަރިންވެސް ޝަހީދުވިއެވެ. އޭގެ ތެރޭގައި އުމުރުން 12 އަހަރުގެ މުޙައްނަދުގެ އިތުރުން އުމުރުން 3 އަހަރުގެ ސާލިމްއާއި އެންމެ 3 މަހުގެ ފިރާޒްހިމެނެއެވެ. މީގެ އިތުރުން ރަސްމީގެ ބޭބެ މުޙައްމަދުގެ އަންހެނުން ޔުސްރާއާއި، އެ ދެމަފިރިންގެ 2 ދަރިން ކަމަށްވާ އުމުރުން 13 އަހަރުގެ ވަސީމްއާއި 7 އަހަރުގެ މުއާޒްވެސް ވަނީ މި ހަމަލާގައި ޝަހީދުވެފައެވެ.

މުޙައްމަދުގެ އިތުރުން އަބޫ މަލްހޫސް އާއިލާގެ އިތުރު 11 މެމްބަރެއްގެ ހާލު ސީރިއަސްއެވެ. ގިނައީ ކުޑަކުދިންނެވެ. އެމީހުންނަށް ފަރުވާ ދެމުންދަނީ ގައްޒާގެ ޝުހާދާ އަލް އަގްސޯ ހޮސްޕިޓަލުގައެވެ. އިސްރާއީލުގެ އުދުވާންތަކަށްފަހު، އުމުރުން 11 އަހަރުގެ ނިރްމީންއަށް އަދި ވާހަކައެއް ނުދެއްކޭއިރު އޭނާއާއި ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ ރީމް ގޮވަމުން ދަނީ ޝަހީދުވެފައިވާ އޭނާގެ މަންމަ ހޯދުމަށެވެ.

އިސްރާއީލުގެ އުދުވާންތައް ގެއަށް އަމާޒުވެގެން އައި ގޮތް މީޑިއާއާއި ހިއްސާކޮށްދިން ރަސްމީގެ ދޮށީ އަނބި ވިސާމްއެވެ. ވިސާމް ބުނި ގޮތުގައި އޭނާއަށް ހޭލެވުނީ އެގެއަށް މިސައިލް ހަމަލާ އަމާޒުވި އަޑަށެވެ.

"ހަނދާން ހުރިހާވެސް އެއްޗަކީ ބޯ ދުންގަނޑު. ގެ ދެފަޅިވެފައި އޮތްކަން އެނގުނު. އެތާ ތެރެއިން އަހަރެން ބެލީ ދަރިންނާ ފިރިމީހާ ފެނޭތޯ. އެކަމަކު އެއަށްވުރެ ދުންގަނޑު ބޯވެފަ އޮތީ. ދެން ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގަ. އަހަރެންގެ 6 ދަރިންވެސް މިތާ އޮތީ، ވަރަށް ކްރިޓިކަލް ހާލެއްގަ" ވަސީމް އިތުރަށް ކިޔައިދިނެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު އަވިކާއީ އަދްރާއީވެސް ވަނީ އަބޫ މަލްހޫސްގެ ގެއަށް ހަމަލާ އަމާޒުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ތަރުޖަމާޏު ބުނި ގޮތުގައި ބުރާސްފަތި ވިލުނުރޭގެ ހަމަލާ އަމާޒުކުރީވެސް އިސްލާމިކް ޖިހާދު ލީޑަރު އަދި ކޮމާންޑަރު ރަސްމީ އަބޫ މަލްހޫސް ދިރިއުޅެމުންދިޔަ ގެއަށެވެ.

އުމުރުން 12 އަހަރުގެ ނޫރު ކިޔައިދިން ގޮތުގައި މި އުދުވާނުގައި އޭނާގެ ފުރާނަ ސަލާމަތްވީ ނިދިނައިސްގެން އުޅެން ޖެހުމުންނެވެ.

"ގެއާ ދިމާ މަތީގައި ޑްރޯން ދުއްވާ އަޑުފައްގަނޑާ ހުރެ ނުނިދިފަ އޮތީ. ގޭ މައްޗަށް ފުރަތަމަ ރޮކެޓް ވައްޓާލުމާއެކު އަހަރެން ދުވެފައި ނިކުތީ ބޭރަށް. ބިރުގަންފަ ހުރިވަރުން އެހެން އެއްވެސް މީހަކަށް ގޮވާކަށް ނުވިސްނުނު" ނޫރު ކިޔައިދިނެވެ.

ނޫރު ބުނި ގޮތުގައި ހަމަހޭވެރިކަން ވެގެން ގެއާ ހިސާބަށް އަނބުރާ އައިއިރު ގެ އޮތީ ބިމާ ހަމަވެފައެވެ. ގާކުނޑިތަކުގެ ދަށުގައި އޭނާގެ މަންމ (ޔުސްރާ) އޮއްވާ ނޫރަށް ފެނުނެވެ. އަދި ބައްޕަގެ ބޯ ފަޅައިގެން ގޮސް ލޭތައް ފައިބަމުންދިޔަ މަންޒަރުވެސް އޭނާއަށް ރީޗަށް ފެނުނެވެ. އޭނާ ދުއްވައިގަތީ ކައިރީގައި ހުރި މާމަގެއަށެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް އެގޭ މީހުން ގޮވައިގެން ނޫރަށް އާދެވުނުއިރު އޭނާގެ މަންމަގެ ފުރާނަ ނެތްކަންވެސް އޭނާއަކަށް ނޭނގެއެވެ.

އަބޫ މަލްހޫސްގެ އަވަށްޓެރިއަކު ބުނި ގޮތުގައި ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން އެ އާއިލާގެ މެމްބަރުން ސަލާމަތް ކުރުރުމަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ހިތުގައި އުފެދުނު ބިރުވެރިކަމެވެ. އެހެނީ އިސްރާއީލުގެ ދެވަނަ ހަމަލާއެއް އަނެއްކާވެސް އަމާޒުވެދާނެ ކަމުގެ ބިރު ހިތުގައި އުފެދުމެވެ. އެސަރަހައްދުގެ މީހުން ކިޔައިން ދިން ގޮތުގައި ފުރަތަމަ ރޮކެޓް އަމާޒުވިތާ 7 ވަރަކަށް މިނެޓް ފަހުން އިތުރު ހަމަލާތަކެއް އަމާޒުވެގެން ދިޔައީ މުޅި ސަރަހައްދަށް ލޮޅުން އަރުވަމުންނެވެ.

އަބޫ މަލްހޫސް އާއިލާގެ އަވަށްޓެރިން ބުނި ގޮތުގައި އެ މީހުންގެ އެއްވެސް ކުށެއް ނެތެވެ. އެމީހުން ތިބީ މައުސޫމު ނިންޖަކުން ނިދާފައެވެ.