ވިސްލްބްލޯވާ ހިމާޔަތްކުރާ ޔުނިޓުގެ އިސްވެރިއަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބު ރައީސް އައްޔަނު ކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސަކީ މުހައްމަދު ޒާހިދެވެ. 2017 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުގެ ނައިބު ރައީސްކަން ކުރައްވާ ޒާހިދު ވަނީ އެޗްއާރްސީއެމްގެ ދެވަނަ ކޮމިޝަނުގެ ނައިބު ރައީސްކަން ކުރައްވާފައެވެ. އަދި ކަންކަމަށް މީހުން ހޭލުންތެރި ކުރުމުގައި އަދި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންތައް ވުޖޫދަށް ގެނައުމުގައި އިސްރޯލެއް އަދާ ކުރައްވާ ޒާހިދަކީ، ޔޫއެންޑީޕީ އަދި ޔޫއެންއޯޕީއެސްގެ އެހީތެރިކަމާއި އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި މަޝްރޫއުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސައުތް އެޝިއާ ޕޮވާޓީ އެލެވިއޭޝަން ޕްރޮގްރާމް އަދި އެޓޯލް ޑިވެލޮޕްމަންޓް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ޕެލޭނުގައި ޒާހިދު އިސް ދައުރެއް އަދާ ކުރައްވާފައިވާއިރު، އެ ޕްލޭނަކީ މިހާރު ރާއްޖޭގެ އަތޮޅު ތަރައްގީ ކުރުމަށް ބޭނުން ކުރާ ޕްލޭނެވެ.

އެޗްއާރްސީމުން އުފެއްދުމަށް ކަނޑައަޅާފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ ވިސްލްބްލޯ ކުރާފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޔުނިޓެކެވެ.

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލެއް ރާއްޖޭގައި ތަސްދީގު ކޮށް، ގާނޫނަކަށް ހަދާފައިވަނީ މިދިޔަ އޮކްޓޯބަރު މަހު 17 ވަނަ ދުވަހެވެ. މިފަދަ ގާނޫނެއް އެކުލަވައިލުމުގެ މަގްސަދަކީ، ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި ވިސްލްބްލޯ ކުރުމަށް ބާރު އެޅުމާއި، ވިސްލްބްލޯއިން ލިބޭ މައުލޫމާތުން ފުރިހަމަ ތަހުގީގެއް ކުރުމާއި، ވިސްލްބްލޯ ކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަމެއް ދިނުމާއި، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ ކިބައިގައި ފުރިހަމަ ނަޒާހާތްތެރި ސަގާފަތެއް އެކުލަވައިލުމާއި، މި ގާނޫނުގެ ދަށުން ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ހައްގުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވިސްލްބްލޯ ކުރާ މީހުންނަށް ރައްކާތެރިކަމާއި ހިމާޔަތްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.