ސަރުކާރުން ނަގާފައިވާ ލޯނުތަކަށް އަފާކުރަން ޖެހޭ ދަރަނި ތަކަށް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 19 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ޒިއަތު ވިދާޅުވީ، ތިން އަހަރުތެރޭ 19 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ވިސްނަން ޖެހޭ ކަމަށާއި ދައުލަތުގެ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ މަންޒަރު ފެންނަ ކަމަށެވެ.
ދައުލަތުގެ ދަރަނީގެ 34 ޕަސެންޓް ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށާއި މިއީ ދައުލަތުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 21 ޕަސެންޓް ކަމަށް ބަޖެޓު ކޮމެޓީގައި ޒިއަތު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ދޫކޮށްފައިވާ ދެ ބޮންޑުގެ ޖުމްލަ 340 މިލިއަން ޑޮލަރު ނުވަތަ 5.4 ބިލިއަނަށް އަރައި، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށްވެސް އެ ބައްދަލިވުމުގައި ޒިއަތު ފާހަގަ ކުރައްވާފައި ވެއެވެ.
ދައުލަތުގެ އާމްދަނި އަށް ވުރެ ދަރަނި ބޮޑުކަން ފާހަގަ ކުރައްވާ ޒިއަތު ވިދާޅުވެފައި ވާއިރު، މިއަހަރު ނިމޭ އިރު ދައުލަތުން ދޭ ގެރެންޓީއާ އެކު 71.5 ބިލިއަން ރުފިޔާ އަށް ދަރަނި އަރާނެ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 79 ޕަސެންޓް ކަމަށް ކޮމެޓީގައި ވަނީ ވާހަކަ ދައްކަވާފައެވެ. މިއަހަރު ދަރަނި އަދާކުރުމަށް ދައުލަތުގެ އާމްދަނީގެ 14 ޕަސެންޓް ބޭނުންކުރި އިރު އަންނަ އަހަރު ދަަރަނި އަދާކުރުމަށް އާމްދަނީގެ 21 ޕަސެންޓް ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ.
2020ގެ ބަޖެޓަކީ ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޖުމްލަ ބަޖެޓު ނަންބަރުގެ ބަދަލުގައި ބަޖެޓު ބައިކުރެވޭ ގޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހުށަހަޅާ ފުރަތަމަ ފަހަރެވެ. އަދި ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުވުމަށް ހިލޭ އެހީގެ ގޮތުގައި މާލީގޮތުން ފައިސާ ދިނުމަށް ކަނޑައަޅައި ބަޖެޓުގައި ހުށަހަޅާ ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވާ ފަހަރުވެސް މެއެވެ.