މަޖީދީ މަގުގެ މެދެއްހާ ހިސާބުގައި ބަހައްޓާފައިވާ ބޮޑު ސްކްރީނުގެ ސަބަބުން އާއްމު ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކާ ގުޅިގެން އާއްމުން ޝަކުވާ ކުރަން ފެށުމުން އެންމެ ފަހުން އެ ސްކްރީން ނެގުމަށް ނިންމައިފިއެވެ.

މި ސްކްރީން ބެހެއްޓީ މިރޭ ވޯލްޑްކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނިކުންނަ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެގޮތުން ބޮޑު ސްޓޭޖަކާއި އެކުގައި ހަދާފައިވާ މި ތަނުގައި ރޭ ވަނީ މިރޭގެ މެޗަށް "ވޯމަޕް" ކުރުމުގެ ގޮތުން ބޮޑުބެރާއި ބޮނޑިބަތް ކެއުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހުރިހާ ކަމެއް ކުރުމަށް އިއްޔެ ހަވީރުން ފެށިގެން މަޖީދީ މަގު އޮލިމްޕަހާއި ދިމާލުން ވަނީ އުޅަނދުތަކަށް ނުދުއްވޭ ގޮތަށް ބަންދުކޮށްފައެވެ.

މިކަމާއި ގުޅިގެން އާއްމުން އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ފާޑު ކިޔަމުންނެވެ. އެގޮތުން ސްކޫލު ވެސް އޮތް ދުވަހެއްގައި އެފަދަ ގޮތަކަށް މަގު ބަންދު ކޮށްފައި އޮތުމުން ކުދިން ސްކޫލަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވި ކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ އެހާ ބޮޑު ހަރަދެއް ރައްޔިތުންގެ ފައިސާއިން ކުރީ ކީއްވެގެންތޯއާ އެފަދަ ކަމެއް ކުރުމުން ރައްޔިތުންނަށް ވާނެ އުނދަގޫ ވިސްނާ ނުލީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.

އާއްމުންގެ މި ޝަކުވާތަކާއި ގުޅިގެން އެފްއޭއެމްގެ ނެޝަނަލް ޓީމު އެޑްވައިޒަރީ ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖީދީ މަގު ބަންދުކޮށްގެން ބޮޑު ސްކްރީން ބެހެއްޓި މައިގަނޑު ސަބަބަކީ ދަނޑުގެ ޖާގައިގެ ދަތިތަކުން ގިނަ ބަޔަކަށް މިރޭގެ މެޗު ބޮޑު ސްކްރީނުން ފެންނާނެ ގޮތް ހެދުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން ހުރުމުން ސްކްރީން ނައްޓާލާ އާއްމުންނަށް ދަތި ނުވާނެހެން މަގު ހުޅުވާލަން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ގައުމީ ޓީމު ކުޅޭ މެޗުތަކުގެ ފޯރި ގަދަ ކުރުމުގެ ގޮތުން ކުރި މިކަމުން މިފަހަރުވެސް އަލީ ވަހީދަށް މި ލިބުނީ އާއްމުންގެ ފާޑުކިޔުމެވެ. ދާދިފަހުން ރާއްޖެ އިޝްތިހާރު ކުރުމަށް ކަމަށްބުނެ 900،000 ޑޮލަރަށް ސްޕެނިޝް ލަލީގާގެ ކްލަބެއްގެ ޖާޒީގައި އިޝްތިހާރު ޖެހުމުންވެސް އަލީ ވަހީދަށް ގިނަބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެއީ އެ ކްލަބަކީ މުޅި ލީގުގައިވެސް އެންމެ ދަށް ނަތީޖާ ހޯދަމުން އަންނަ ކްލަބަށް ވުމުންނެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެއަށްވުރެ ރަނގަޅު ކްލަބުތައް ހުއްޓާ ހަމަ އެ ކްލަބުގައި އިޝްތިހާރު ކުރަން ނިންމީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.