2020 އަށް ލަފާ ކުރާ ބަޖެޓު ފާސްކުރުމަށް ވޯޓަށް އެހޭނީ ދަރަނީގެ މިންވަރު އެނގިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި 2020 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، މިއަހަރު ނިމޭ އިރު ޖުމްލަ ދައުލަތުގެ ދަރަނި ގޮތުގައި ފާހަގަކުރެވޭ އަދަދކީ 67.9 ބިލިއަން ރުފިޔާ ކަމަށާއި އެއީ ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ނަމަ 76.4 އިންސައްތަ ކަމަށެވެ. އަދި 2020ވަނަ އަހަރަށް ލަފާ ކުރާ ބަގެތޫގައި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި ސާފުކޮށް އެނގެން ނެތް ކަމަށާއި ދައުލަތުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރިންޏަށް ޖެހޭ މިންވަރުވެސް ކިތައް އިންސައްތަކަންވެސް ބުނެދީފައި ނެތްކަން އޭނާ ފާހަގަކުރައްވިއެވެ.

ބަޖެޓާ ގުޅޭ ގޮތުން އިލްޔާސް ފާހަގަކުރެއްވި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް ބަޖެޓު ހުށަހެޅުމުގެ ކުރީގައި ނުވަތަ ފާސްކުރަން ގެނައުމުގެ ކުރިން ފާހަގަވާން ޖެހޭނެ އަދަދެއް ކަމަށެވެ. އަދި ބަޖެޓަށް ވޯޓަށް އެހޭ ނީ އެ އަދަދު އެނގިގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ފަރުވާތެރިކަމާއެކު ބަޖެޓު ބައްލަވާފައި ފާހަގަވެވަޑައިގަންނަވާ ގިނަ ކަންކަން ފާހަގަކުރެއްވުމަކީ ދައުލަތަށާއި ރައްޔިތުންނަށް ކޮށްދެވޭ ހިދުމަތެއް ކަމަށެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، ސަރުކާރުން ބޭނުން ވަނީ ބަޖެޓްގެ ތެރެއިން ރައްޔިތުންނަށް ހައްގުވާ ތަރައްގީއާއި އަސާސީ ހިދުމަތްތައް ވީހާވެސް އަވަހަށް ގެނެސްދިނުމަށް ކަމަށާއި އަންނަ އަހަރުގެ ބަޖެޓް މިހާރު އޮތްގޮތަށް ތަންފީޒު ކުރެއްވިއްޖެ ނަމަ ވަރަށް އަވަހަށް އަރަނި ބަޖެޓެއް މަޖިލީހަށް ހުށައެޅިގެންދާތަން ފެނިގެންދާނެ ކަމަށެވެ.