ދައުލަތުގެ އާމްދަނީއަށް ލިބޭ ނިސްބަތަށްވުރެ ހަރަދު ބޮޑުވާ ކަމަށާއި ހަރަދު ކޮންޓްރޯލް ކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މީގެ އިތުރުން ޒިއަތު ވިދާޅުވީ އެއް އަހަރުން އަނެއް އަހަރަށް ދައުލަތުގެ ހަރަދު ބޮޑުވަމުން އަންނަ ކަމަށެވެ.

މިހާރު ލިބޭ އާމްދަނީއިން ދައުލަތުގެ ހަރަދުތައް ބެލެހެއްޓޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވާއިރު މިއީ ބަޖެޓުގެ ދަރަނި ކުޑަކުރުމަށް ކުރެވޭ ރަނގަޅު ކަމެއްް ކަމަށް ޒިޔަތު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ދައުލަތުގެ އާމްދަނީ އިތުރުވާ ނިސްބަތަށް ވުރެ ހަރަދު ބޮޑުވާ ނިސްބަތް ބޮޑު ކަމަށާއި، އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ޒިޔަތު ވަނީ ފާހަގަ ކުރައްވާފައެވެ،

މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި ޒިއަތު ވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްތައް އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރުގެ ޕްރޮޖެކްޓުތަށް ގިނަކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓާ ގުޅުގެން ޒިއަތު ވިދާޅުވެފައި ވަނީ ގިނަ މަޝްރޫއުތައް އެއް ފަހަރާ ހިންގިދާނެ ކަމުގެ ގާބިލުކަން ޔަގީން ކުރަން ޖެހޭ ކަމަށާ، ފާއިތުވެ ދިޔަ އަހަރުތަކުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަށް ބަޖެޓުގައި ހިމަނާފައި އޮތަސް އެ މަޝްރޫއުތައް ހިންގިފައި ނުވާ ކަމަށެވެ.

ބަޖެޓުގައިވާ މަޝްރޫއުތައް ހިންގުމުގެ ގާބިލިއްޔަތު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުރިކަން ކަށަވަރު ކުރަންޖެހޭ ސަބަބަކަށް ޒިޔަތު ވިދާޅުވީ، މީގެ ކުރިން ޕީއެސްއައިޕީ މަޝްރޫއުތައް ރަނގަޅަށް މެނޭޖް ނުކުރެވުން ކަމަށެވެ. އަދި ދައުލަތުން ބޮޑު މާލީ ބުރައެއް އުފުލަން ޖެހިފައިވާ ކަމަށާއި އެއީ ނިންމަން ޖެހޭ ކަންތަށްތަށް ނިންމުމުގައި ލަސްވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ޒިޔަތު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އެއީ ޖުމްލަ ހަރަދުގެ 59 ޕަސެންޓެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.