އިތުރު ސިއްހީ ފަރުވާއަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ގައުމުން ބޭރަށް ގެންދިއުމަށް ޕާކިސްތާނުގެ ސަރުކާރުން ދިން '1-ފަހަރުގެ ހުއްދަ' ބަލައިގަތުމަށް ޕާކިސްތާނު މުސްލިމު ލީގު-ނަވާޒް (ޕީއެމްއެލް-އެން) އިން ދެކޮޅު ހަދައިފިއެވެ.

ޕީއެމްއެލް-އެންއިން ބުނީ ސަރުކާރުގެ ނިންމުމަކީ ވަކި ފަރާތަކަށް ޖެހިފައިވާ ނިންމުމެއް ކަމަށާ، އެއީ ސިޔާސީ ބަދަލު ހިފުމުގެ ރޫހެއްގައި ދީފައި އޮތް ފުރުސަތެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަ ފޮ ލޯ އެންޑް ޖަސްޓިސް ފާރޫގު ނަސީމު ވިދާޅުވީ، ސިއްހީ ހާލުކޮޅު ހުރިގޮތުން އިތުރު ބޭސްފަރުވާގެ ހިދުމަތް ހޯއްދެވުމަށްޓަކައި ގައުމުން ބޭރަށް 4 ހަފުތާގެ މުއްދަތަށް ވަޑައިގަތުމުގެ އިޒުނަ ނަވާޒް ޝަރީފަށް އެރުވުމަށް ޕާކިސްތާނުގެ ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެ ހުއްދައަކީ 1 ފަހަރަކަށް ދެވޭ ހުއްދައެއް ކަމަށެވެ.

ކަންމިހެން އޮތްއިރު މި ހުއްދަ ނަވާޒް ޝަރީފަށް ދޫކުރެވޭނީ އެކަމަށް އެދި އޭނާގެ އާއިލާއިން ހުށަހެޅުމުން ކަމަށާއި، އެކަމަށް ހެދި ހުށަހަޅަންޖެހޭނީ 7-7.5 ބިލިއަން ރުޕީޒްގެ އިންޑެމްނިޓީ ބޮންޑަކާ އެކުގައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ސްޕެޝަލް އެސިސްޓަންޓް އޮން އެކައުންޓަބިލިޓީ ޝާހްޒާދު އަކްބަރު ވަނީ ވިދާޅުވެފައެވެ. އިންޑެމްނިޓީ ބޮންޑަކީ ވަކި މީހެއްގެ އަމަލުތައް ހުންނަ ގޮތެއްގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ބަދަލުގައި ވަކި ފަރާތަކުން ދައްކާ އިންޝުއަރަންސް ބޮންޑު ފައިސާއެވެ.

މިކަމާ ގުޅިގެން ޕީއެމްއެލް-އެންއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު މަރިޔަމް އައުރަންގްޒީބު ވިދާޅުވީ، ޝަރުއީ ހަމަތަކަށް ފެތޭ ހުރިހާ ބޮންޑު ފައިސާއެއް ދައްކާ ހަލާސްކޮށްފައިވާނެ ކަމަށާއި، އެކަން ކޮށްފައި ވާނީ ކަފާލާތުގެ ދަށުން ނަވާޒް ޝަރީފު މިނިވަން ކުރުމަށް ކުރި މަސައްކަތުގައި ކަމަށެވެ. އަދި މިފަދަ ބޮންޑުތަކެއް ދައްކަންޖެހުމަކީ އެ ޕާޓީއިން ގަބޫލުކުރާ ހަމައެއް ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ސަރުކާރުންވަނީ އެގައުމުން ފުރައިގެން ދިއުން މަނާކޮށްފައިވާ މީހުންގެ ލިސްޓު (އީސީއެލް)އިންވެސް ނަވާޒް ޝަރީފުގެ ނަން، މިމަހުގެ 12 ވަނަ ދުވަހު އުނިކޮށްފައެވެ.

ހިޔާނާތާ ކޮރަޕްޝަންގެ މައްސަލަތަކެއްގައި 7 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަވާޒް ޝަރީފު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. ސިއްހީ ގިނަ ބަލިތަކެއްގައި އުޅުއްވާ ނަވާޒް ޝަރީފު އެފަހަރު އެޑްމިޓްކުރެވުނީ ޕްލޭޓްކައުންޓް ދަށްވެގެންނެވެ. ހޮސްޕިޓަލުގައި އޮންނަވަނިކޮށް، ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަފާލާތުގެ ދަށުން ޖަލު ބަންދުން ނަވާޒް ޝަރީފު މިނިވަންކުރައްވާފައެވެ. މިއާއެކު ގެކޮޅުގައި އައިސީޔޫއެއް ގާއިމުކޮށް، އަމިއްލަ ގެކޮޅަށް ނަވާޒް ބަދަލުކުރެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު، ނަވާޒް ޝަރީފުގެ ޕްލޭޓްލެޓް ކައުންޓް ދަށްވެފައިވަނީ ފަލަސްޠީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަވަހާރަކޮށްލުމަށް ބޭނުންކުރި ޕުލޯނިއަމް މާއްދާގެ ވިހައިގެ އަސަރުކޮށްގެން ކަމަށް ބުނާ ތުހުމަތުތަކެއް މިހާރު ވަނީ ފެންމަތިވެފައެވެ.