އިސްރާއީލާ ގައްޒާ ހިއްސާކުރާ ސަރަހައްދީ އިމުގެ ސަރަހައްދުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ބަދަލުކުރަމުންދިޔަ ވަރުގަދަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ފަލަސްޠީނިއަން އިސްލާމިކް ޖިހާދުގެ ކޮމާންޑާރާ އޭނާގެ އާއިލާ ޝަހީދުކޮށްލި ހަމަލާއަށްފަހު އިސްރާއީލާ ގައްޒާއާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް 2 ބައިމީހުންގެ މެދުގައި އެއްބަސްވުމަކަށް އައިސް، މި އެއްބަސްވުން ތަންފީޒު ކުރަން ފަށާފައިވަނީ ޖީއެމްޓީ ގަޑިން މިއަދު ފަތިހު 03:30 އިން ފެށިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އަންގާރަ ދުވަހުން ފެށިގެން ބަދަލު ކުރަމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިސްރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވަނީ މިސްރުގެ މަސައްކަތުންނެވެ. އަދި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވަނީ ފަލަސްތީނާ ވީ ފަޅިންކަމަށްވެސް މިސްރުގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް ޖިހާދުންވެސް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާކަން، ބައިނަލްއަގުވަމީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.