އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުށަހެޅި ސިޓީއާއެކު އެ މައްސަލަތައް ނިމުނު ގޮތުގެ ރިޕޯޓުގެ ކޮޕީއަކާއި އެ ކޮމިޝަނުން އެ މައްސަލަތައް ތަހުގީގު ކޮށް ނިންމި ނިންމުމުގެ ކޮޕީއަކާއި އަދި އެ މައްސަލަތަކާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތަކުގެ ކޮޕީވެސް ވަނީ ހުށަހަޅާފައެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަގުތީ ގޮތުން ފަނޑިޔާރު ކަމުން ދުރުކުރުމަށް ނިންމާފައި ވަނީ އެ ދެބޭފުޅުންނާ ބެހޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި ދެބޭފުޅުން 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާ، މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެބޭފުޅުން ކުރައްވައިފައިވާ ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ކޮމިޓީއަށް ފެންނަ ކަމަށެވެ. އެ ކޮމިޝަނުން ބުނީ، މި ދެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ސ) ގައި ބަޔާން ކޮށްފައިވާ ފަނޑިޔާރުކަމުގެ މަގާމް އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށެވެ.