އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި، ރޭހުޅުމާލެ ނިރޮޅުމަގުން ހައިވޭއަށް އަރާ ހިސާބު ޓާމިނަލް ކައިރިން އެކްސިޑެންޓްވި މަންޒަރު ދުށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ވަނީ، ރޭ 22:40 ހާއިރު މި އެކްސިޑެންޓް ހިނގި މަންޒަރު ދުށް ފަރާތެއްވާނަމަ، ފުލުހުންގެ ސްޕެޝަލް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

ފުުލުހުން މިހެން ބުނެފައިވާއިރު، މި އެކްސިޑެންޓްގައި ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި އެކްސިޑެންޓް ހިނގުމުން ވެސް ޑްރައިވަރު މަޑުނުކޮށް ގޮސްފައިވާ ކަމަށް ބުނެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ޑްރައިވަރުގެ އިތުރުން ބަހުން ދަތުރުކުރި އެއްވެސް މީހަކަށް ވެސް އެކްސިޑެންޓް ހިނގި މަންޒަރު ފެނިފައިނުވާކަމަށް އެމީހުން ބުނެއެވެެ.

އެ ހާދިސާގައި ނިޔާވީ، ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުން ޝަފީގު، 13 އަހަރެވެ. އޭނާ އިނީ ސައިކަލުގެ ފަހަތުގައެވެ. ސައިކަލު ދުއްވަން އިނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ 51 އަހަރުގެ އަންހެނެކެވެ. އެކްސިޑެންޓު ވުމާއެކު އޭނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އޭނާގެ ހާލު ރަނގަޅުކަމަށް އާސަންދައިން މައުލޫމާތު ދީފައިވެއެވެ. އަދި އެހާދިސާގައި ނިޔާވި އުމުރުން 13 އަހަރުގެ ކުއްޖާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭން އިންކާރު ކޮށްފައި ވާއިރު، ފުލުހުން ބުނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާކަމަށެވެ.