އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުން މަޖިލީހަށް ފޮނުވައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަގުތީ ގޮތުން ފަނޑިޔާރު ކަމުން ދުރުކުރުމަށް ނިންމާފައިވަނީ އެ ދެބޭފުޅުންނާއި ބެހޭ ގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި ދެބޭފުޅުން 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާ، މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެބޭފުޅުން ކޮށްފައިވާ ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ކޮމިޓީއަށް ފެންނަ ކަމަށެވެ. އެ ކޮމިޝަނުން ބުނީ، މި ދެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ސ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުކަމުގެ މަގާމް އެކަށީގެން ނުވާފަދަ އަމަލުތަކެއް ކަމަށެވެ.