އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ފުއާދު ތައުފީގު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި އީސީގެ މެންބަރުކަމަށް ފުއާދު އައްޔަނުކުރުމަށް ރުހުންދީފައި ވަނީ 70 މެމްބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ދައުރު ހަމަވާތީ، ރައީސް އޮފީހުން ކުރި އިއުލާނަކާއި ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ހަތަރު ބޭފުޅެއްގެ ނަން ރައީސް ސޯލިހު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެއީ ފުއާދު ތައުފީގު، މއ. ތަޅަމުދުގެ އާއި، އަމުޖަދު މުސްތަފާ، އަލިވާގެ، ގއ. މާމެންދޫ އާއި، ހަސަން ނާޒިމް، ހ. ގާޑެނިޔާ އަދި ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންތަކުގެ ތެރެއިން، ކޮމެޓީން ދިރާސާކުރުމަށްފަހު، ނަންތައް ތަރުތީބު ކުރިއިރު، ވެސް ފުރަތަމަ ނަމަކަށް ކޮމެޓީން ފާސްކޮށްފައި ވަނީ ފުއާދު ތައުފީގުގެ ނަންފުޅެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް، ދިރާސާކުރުމަށްފަހު، ކޮމެޓީން ފާސްކޮށްފައި ވަނީ ފުއާދު ތައުފީގު ގެ އިތުރުން، އަމުޖަދު މުސްތަފާއި ހަނީފާ ހާލިދެވެ. ކޮމެޓީންވެސް ވަނީ އިސްކަންދޭ ތަރުތީބުން ފުރަތަމަ ބޭފުޅަކަށް ފުއާދުގެ ނަން ވަނީ ފާސްކޮށްފައެވެ.

ފުއާދު ތައުފީގަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.