ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅޭ ކަމުގެ ހުރިހާ މަންޒަރެއް ފެންނަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައ ރައްޔިތުން ގާތު ވެވަޑައިގެންނެވި ވައުދު ނުފުއްދިއްޖެ ނަމަ އެމަނިކުފާނުގެ ވެރިކަމުގައި "ސިއްކަ" ޖެހިގެންދާނެ ކަމަށެވެ.

""އަޅުގަނޑަށް ނުފެނޭ ކުރިއަށް އޮތް އިރުވައި މޫސުމުގެ ހަޅަ ނިމިގެން މި ވެރިކަން ދެން ހިފަހައްޓާލާނެ ހެން." ތޯރިގު ވިދާޅުވިއެވެ.

މިއަދު ރައްޔިތުން މަޖިލީހަށް ބަލާއިރު ގިނަ އަދަދެއްގެ ރައްޔިތުން މަޖިލީހުގެ މެންބަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާއި އެމަނިކުފާނު ދިފާއު ކުރައްވާ ސަނާ ކިޔުއްވި ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށެވެ. އެގޮތުން އެ މެންބަރުން ތިއްބަވާނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފާސްވަންދެން ކަމަށާއި އެއަށްފަހު އެ މެންބަރުންވެސް ރައީސް ސޯލިހު ދޫކުރައްވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހުދުމުހުތާރު ވެރިކަމަކުން ފެންނަ ހުރިހާ ސިފައެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެންނަމުންދާ ކަމަށެވެ. ހުދުމުހުތާރު ވެރިކަމެއްގައި އެންމެ ބޮޑަށް ފެންނަމުން ދާނީ އަނިޔާވެރިވާ މަންޒަރުތައް ކަމަށާއި އެ މަންޒަރުތައް ދިވެހި ރައްޔިތުންނަށް މިއަދު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.