ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްސަލައިގެ ތަހުގީގުގެ އަޑުއެހުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު އާދަމް މިއަދަށް ތާވަލުކޮށްފައިވާ އަޑުއެހުމަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވާތީ މިއަދު އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ އަޑު އެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުން ދެން އޮންނާނީ ކޮން ދުވަހަކު ކަން ޖޭއެސްސީން ހާމަ ކޮށްފައިނުވާއިރު، މިއީ މި އަޑުއެހުން ފަސްކުރި 5 ވަނަ ފަހަރެވެ.

މި މައްސަލައިގެ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނިކޮށް ފުރަތަމަ ފަސްކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ދެން ދެވަނަ ފަހަރަށް ފަސްކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހަށެވެ. މި ތަހުގީގު ފަސްކޮށްފައި ވަނީ ފަނޑިޔާރުގެ ފަރާތުން ހާޒިރުވި ވަކީލު ޖޭއެސްސީން ބަލައި ނުގަތުމާ ގުޅިގެންނެވެ. އަދި ފަހުން ފަނޑިޔާރު އާދަމް މުހައްމަދުގެ ފަރާތުން ގާނޫނީ ވަކީލަކު ހާޒިރު ނުވުމުގެ ސަބަބުން ތިން ވަނަ ފަހަަރަށް މިއަޑުއެހުން ފަސްކޮށްފައި ވަނީ މިމަހު 4 ވަނަ ތަހުގީގު ބެއްވުމަށް ތާވަލް ކޮށްފައެވެ. ނަމަވެސް، ފަނޑިޔާރު އާދަމް ރާއްޖެއިން ބޭރަށް ދަތުރެއް ކުރައްވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުން މި އަޑުއެހުން ހަތަރު ވަނަ ފަހަރަށް ފަސްކޮށް ތާވަލުކޮށްފައިވަނީ މިއަދަށެވެ.

މި އަޑުއެހުމަކީ ފަނޑިޔާރު އާދަމް މުހައްމަދުގެ އެދިވަޑައިގަތުމުގެ މަތިން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ އަޑުއެހުމެކެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ބޭއްވި ދެ އަޑުއެހުމުގައި ވެސް ފަނޑިޔާރު އާދަމް މުހައްމަދު ވަނީ ޖޭއެސްސީ އިން އޭނާގެ އަސާސީ ހައްގަކަށް އަރައިގެންފައިވާ ކަމަށާއި، އެމީހަކު ބޭނުންވާ ވަކީލެއް އައްޔަން ކޮށްގެން މައްސަލަތަކުގައި ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށް ވިދާޅުވެފައެވެ.