ފަނޑިޔާރުންނާ ގުޅޭ 200 އަށްވުރެ ގިނަ ޝަކުވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނަށް ހުށަހަޅާފައި ފަނޑިޔާރުންގެ މައްސަލަތަކުގެ ތެރޭގައި ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކުރުން އަދި ޖުޑިޝަރީގެ ދައުރުން ބޭރު ކަންތައްތައް ކުރުން ފަދަ މައްސަލަތައް ހިމެނޭކަމަށެވެ. މި މައްސަލަތަށް އެ ކޮމިޝަނަށް ހުށަހެޅުގައި ވަނީ އެ ކޮމިޝަނުގެ ގާނޫނަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ގެނައި އިސްލާހަށްފަހު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 ޝަކުވާއެއް މިހާތަނަށް ޖޭއެސްސީ އަށް ލިބިފައިވާ ކަމަށާއި އެމައްސަލަތައް ބަލަމުން ގެންދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލައަކާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ 16 މައްސަލައަކާއި، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ހަތަރު ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރާ ޖުޑިޝަރީގެ ދައުރުން ބޭރުން ކަންތައް ކުރުމުގެ މައްސަލަ އަކީ، ގާނޫނު އަސާސީއާ ހިލާފަށް، ދައުލަތުގެ ދެން އޮންނަ ދެ ބާރު ކަމަށްވާ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ބައެއް ދަށު ކޯޓުތަކާއި މިނިވަން މުއައްސާތަކުގެ ދައުރުގެ ތެރެއަށް ވައިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ ކޮމިޝަންތަކަކީ ޖޭއެސްސީގެ އިތުރުން، އިލެކްޝަންް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ މި ފަނޑިޔާރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އާންމުން އެތައް އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ތުހުމަތުތަކެއް ކަމަށާއި އަދި ޔޫއެންގެ ސްޕެޝަލް ރެޕަޓުއާ ގެބްރިއެލާ ނޯލް 2013 ވަނަ އަހަރު ތައްޔާރު ކުރި ރިޕޯޓުންނާއި ސައުތް އެފްރިކާގެ ކުރީގެ ފަނޑިޔާރު ޔޯހާން ކްރީގްލާ މި އަހަރުގެ ތެރޭގައި ތައްޔާރު ކުރެއްވި ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާ ކަންކަން ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އިނގިރޭސި ބަހުން ލިޔެ، ނެރުނު އެ ބަޔާނުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމްގެ މައްސަލަ ބަލަން ނިންމި ސަބަބުވެސް ބަޔާންކޮށްފައި ވާއިރު އެ ކޮމިޝަނުން ބުނެފައި ވަނީ ގާޒީންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުގައި ހުށަހެޅޭ ކޮންމެ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރާނެ ކަމަށެވެ.
ފާޑުކިޔުންތަށް އެ ކޮމިޝަނަށް އަމާޒުވަމުންދާ ކަށާއި ސިޔާސީ ފަރާތްތަކުން ކުރަމުނެދާ ތުހުމަތުތަށް ވަނި އެ ބަޔާނުގައި ދޮގުކުރައްވާފައެވެ. ޖޭއެސްސީއިން ބުނީ، ގާނޫނުން މަތިކޮށްފައި އޮތް ޒިންމާ އެނގޭ ކަމަށާއި އެ ޒިންމާތައް އަދާކުރަމުން ގެންދާނެ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.