ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާނެކަމުގެ ޔަގީންކަން ބޭނުންތޯ ބައްލަވަން ޓްވިޓާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޕޯލެއް ކުރިއަށް ގެންދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާނެ ކަމުގެ ޔަގީންކަން ބޭނުންތޯ ސުވާލުކުރައްވައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓްވިޓާގައި ޕޯލެއް ކުރިއަށް ގެންދެވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެގެން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު އެފަދަ ކަމެއް ޓްވިޓާގައި ކުރައްވަމުން ގެންދަވާއިރު އެކަންކަން ހުއްޓުވަން ޖެހޭނެ ކަން ފާހަގަ ކުރައްވަމުން އަދުރޭ ވިދާޅުވީ، އެކަން ނުހުއްޓުވުމުގެ މާނައަކީ ރައީސް ވިދާޅުވެގެން ކުރައްވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، މި މަހުގެ 17 ވަނަަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލް ކުރުމަކީ އިއްތިފާގެއް ނޫން ކަމަށާ، އެ ދުވަހު ރައީސް ޔާމީނަށް ހުކުމްކޮށް އުފާ ފާޅުކުރުން ކުރިއަށް ގެންދިއުމަށް ސަރުކާރަށް ތާއީދުކުރާ ބަޔަކު ތިބީ ތައްޔާރު ވެގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި ސަރުކާރުގެ މުޅި ފޯކަސް އޮތީ ރައީސް ޔާމީން ހައްޔަރު ކުރުމަށާއި ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލުމަކީ މި ސަރުކާރުން ވެފައިވާ ސިޔާސީ ވައުދެއް ކަމަށެވެ.

މަހްލޫފް ވަނީ ޓްވީޓާގައި ރައީސް ޔާމީން ޖަލަށް ލާނެ ކަމުގެ ކަށަވަރުކަން ބޭނުންވޭތޯ ބެލުމަށް ޕޯލެއް ހައްދަވާފައެވެ. މި ޕޯލް ހައްދަވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޕޯލުގެ ނަތީޖާ ދައްކާ ގޮތުގައި އެމަނިކުފާނު ޖަލަށް ލާނެކަމުގެ ކަށަވަރުކަން ބޭނުންވާކަމަށް 62 ޕަސެންޓް ވޯޓު ދީފައިވެއެވެ. އަދި ބޭނުން ނުވާ ކަމަށް 38 ޕަސެންޓް ވޯޓު ދީފައި ވެއެވެ. ޖުމްލަ 3738 ފަރާތަކުން ވަނީ މި ވޯޓުގައި ބައިވެރިވެފައެވެ.

މި ފަދައިން މަހުލޫފް ޓްވީޓު ކުރައްވާފައި ވާއިރު، ސަރުކާރުގެ އެެހެން އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ވަނީ މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މިކަން ފެންމަތިވެފައި މިވަނީ ދާދި ފަހުން ތާވަލް ކުރި ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވުން ކެންސަލް ކުރި ހިސާބުންނެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ އެ މައްސަލަ ބައްލެވުމާ ހަވާލުވެ ހުންނެވި ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ. ހައިލަމް ސަސްޕެންޑް ކުރުމުން، މި ސަރުކާރުގެ އިސް ފަރާތްތައް ޔާމީންގެ ޝަރީއަތުގެ ހުކުމް ދެނެގަންނަން މަސައްކަތް ކުރެއްވި ކަމަށް ބުނެ ވަނީ ތުހުމަތު ކޮށްފައެވެ. އަދި ހައިލަމް ވަނީ އޭނާއަށް ބަޔަކު ގުޅުއްވާ މެސެޖްކޮށް އިންޒާރު ދެއްވި ކަމަށް ވިދާޅުވެފައެވެ.

ނޮވެންބަރު މަހުގެ 17 ވަނަ ދުވަހަކީ ރައީސް ޔާމީންގެ ވެރިކަން ނިމި، ރައީސް ސޯލިހުގެ ވެރިކަން ފެށުނުތާ އަހަރު ފުރޭ ދުވަހެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން މި މަހުގެ 5 ވަނަ ދުވަހު އޮއްވާ ކެންސަލްކޮށް މި މަހުގެ 17 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.