ސުޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސެއިން ފާއިޒް ވަޒީފާއިން ވަކިކުރަން އުޅޭ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ނިނންމައިފިއެވެ.

ޖޭއެސްސީން ބުނީ، އެސްޖީގެ މަސައްކަތަށް ހުރަސްއަޅުއްވާ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ، ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ދެއްވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި ސިޓީއަކާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. އަދި އުއްތަމަ ފަނޑީޔާރުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައި ވަނިކޮށް، މި ހަފްތާގައި އެސްޖީ ވަޒީފާއިން ވަކިކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ޖޭއެސްސީން ބަލަމުންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައިގައި އޭނާއަށް ތުހުމަތު ކުރެވެނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުގެ އެސްޖީއަށް އަންގާ މަސައްކަތަށް ހުރަސް އެޅުއްވި މައްސަލައެކެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް މުއާމަލާތެއް ނުކުރެއްވުމަށާއި، އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ސުޕްރީމް ކޯޓުގެ އެސްޖީ ބަޣާވާތް ކުރައްވަން އުޅުއްވާކަމަށް ތުހުމަތު ކުރައްވައި އެ ޑިޕާޓްމަންޓާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެކަމަށް އިންޒާރު ދެއްވާފައި ވާ މައްސަލައެއް ކަމަށް ޖޭއެސްސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް، އުއްތަމަ ފަނޑިޔާރު ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާ ބަޔާނެއް ވެސް ނެރުއްވާފައެވެ.