ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓު ފަޅާލައި 6000 ރުފިޔާ އާއި ލެޕްޓޮޕެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި މާޅޮހު މެޖިސްޓްރޭޓް ކޯޓު ފަޅައިލާފައިވާ ކަމަށެވެ. ފުލުހުންނަށް މިމައްސަލަ ރިޕޯޓު ކޮށްފައި ވަނީ މިއަދު 11:20 ކަހާއިރު ކަމަށްވެސް ފުލުހުންވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާއާއި ގުޅުގެން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ކޯޓު ތެރެއިން ލެޕްޓޮޕެއް ނަގާފައި ވާ ކަމަށާއި ކޯޓުގެ ތިޖޫރީގައި ހުރި ރުފިޔާތަށްވެސް ވަގަށް ނަގާފައި ވާ ކަމަށެވެ. އެ ތިޖޫރީގައި ގާތްގަނޑަކަށް 6000 އެއްހާ ރުފިޔާ ހުންނާނެ ކަމަށްވެސް މައުލޫމާތު ލިބިފައި ވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅުގެން މިހާތަނަށް މީހާކު ހައްޔްރުކޮށްފައި ވާ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ އާންމުންގެ މުދަލާއި ފައިސާ ރައްކާތެރި ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަން ފަށާފައެވެ. ނަމަވެސް މިފަހަކަށް އައިސް ވައްކަމާ ފޭރުމުގެ މައްސަލަތައް ވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އިތުރު ވެފައެވެ. އެގޮތުން މިފިޔަ މަހު ދ ކުޑަހުވަދޫ ބީޗް ކްރޫޒް އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ތިޖޫރީއެއް ފަޅާލަން އުޅުނު މީހަކު ވަނި ހައްޔަރު ކޮށްފައެވެ. އަދި މީގެ ހަތަރުމަސް ކުރިން ދ ކުޑަހުވަދޫ "މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ" (މީރާ) އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފައި ވާ މައްސަލައެއްވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.