ފުވައްމުލަކުން ޑައިވިންއަށް ގޮސް އުޅުނު ޗައިނާ މީހަކު ނިޔާވެއްޖެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ ޑައިވިން އަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށާއި، އޭނާ ނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 10:04 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން އެމީހާ ނިޔާވެފައިި ވަނީ ޑައިވިން އަށް ގޮސް އުޅުމަށް ފަހު ދޯންޏަށް އެރިފަހުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ޑައިވިން އަށް ގޮސް އުޅެނިކޮށް، ފުވައްމުލަކުން ފަތުރުވެރިޔަކު ނިޔާވެފައި ވާއިރު، އިއްޔެ ހަވީރު ދ. ކުޑަހުވަދޫ ކައިރިން މަސްބާނަން ނިކުމެ އުޅުމުގެ ތެރޭގައި ޑިންގީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން ވެއްޓި ސްވެޑެން ފަތުރުވެރިޔަކު ވަނީ ނިޔާވެފައެވެ. އެ ހާދިސާ ހިނގާފައި ވަނީ މަސްބާނަން ނުކުމެ އުޅުމުގެ ތެރޭގައި މާބޮޑަށް ފަރަކާ ގާތްކޮށްލި ވަގުތެއްގައި ޖެހި ރާޅެއްގެ ސަބަބުން ޑިންގީ ބަންޑުން ޖަހާލާގެން ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި، އަދި ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި މިހާރަކަށް އައިސް ފަތުރުވެރިން ނިޔާވަމުން ދާކަން ވަނީ ފާހަގަވެފައެވެ.