ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ވެރިކަމަށް އަންނަ އާދިއްތަ ދުވަހު އެއް އަހަރު ފުރޭއިރު، ލިބުނު ކުރިއެރުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަ ކުރައްވައިފިއެވެ.

ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ، ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެވަޑައިގެން ތިއްވަބާ ބައެއް ކަމަށާއި، އެ އަމާނާތްތަކަށް ވަފާތެރިވެ، އިހްލާސްތެރިކަމާއެކު ހިދުމަތް ކުރެއްވުމަކީ، ދައުލަތުގެ މަގާމަކާ ހަވާލުވެ ތިއްބަވާ ކޮންމެ ބޭފުޅެއްގެ ވާޖިބެއް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނު ކަންކުރައްވާނީ ރައްޔިތުންގެ އަޑުއައްސަވަމުން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށާއި، ކަންކަން ހާސިލު ކުރައްވާނީ ރައްޔިތުންގެ އިހްސާސްތަކާއި ޝުއޫރުތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ. ތަރައްގީގެ މަގުގައި ކުރިއަށް ވަޑައިގަންނަވާނީ، ސަރުކާރާއި ރައްޔިތުންގެ ފައިހަމަވާގޮތަށް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ދިވެހިން ޖުމްހޫރިއްޔާގެ 7 ވަނަ ވެރިކަމުގައި ރާއްޖެއަށް ހާސިލުވެފައިވާ ކަންތައްތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން:

  • ގުރޫޕް މާރާމާރީގެ އަދަދު މިދިޔަ އަހަރަށް ވުރެ 50 އިންސައްތަ މަދުކުރުން
  • ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތް ފެށުން
  • ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށުން
  • ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައި 4736 ދަރިވަރުން ބައިވެރިވުން
  • 567 ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޫކުރުން
  • އިއާދަކުރަނިވި ހަކަތައިން، 11 މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް ފެށުން
  • 8 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށި، މިހާރު ހުރި މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުން
  • 34 ރަށެއްގެ ބަނދަރު މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލުކޮށް، 14 ރަށެއްގައި އަމަލީ މަސައްކަތް ފެށުން
  • 7 ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށުން
  • މެދުނުކެނޑި ކަރަންޓްގެ ހިދުމަތް ދިނުމަށްޓަކައި، 58 ރަށަކަށް ޖެނެރޭޓަރު ސެޓް ފޯރުކޮށްދިނުން
  • 33 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުން
  • ހާރިޖީ އަދި އަވަށްޓެރި ރަހްމަތްތެރިކަން، އޭގެ ހަގީގީމަގަށް އިއާދަކުރެވި، ގުޅުން ގާއިމުކޮސް، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ލިބުން
  • އަވިން ހަކަތަ އުފެއްދުމަށް، 13 ރަށެއްގައި ސޯލާ ޕަވާ ސިސްޓަމް ގާއިމުކުރުން
  • ތިމާވެށީގެ ނާޒުކުކަމަށް ބަލައި، 14 ސަރަހައްދެއް ހިމާޔަތްކުރުން
ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވަޒީރުން / ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ އެންމެހާ ކަންކަން ތަރުތީބު ކުރެވި އިންތިޒާމު ކުރެވިފައި ހުންނަންވާނީ، ރައްޔިތުން އެދޭ ފެންވަރަށް، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުން، ގާނޫނުތައް ހަދަން ވާނީ، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި ފަނޑިޔާރުގޭގެ މަގުސަދަކަށް ވާންވާނީ، އަދުލުވެރިކަމާއެކު ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިއަދު ފާހަގަ ކުރަމުން މިދަނީ ރާއްޖޭގައި ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމުވިތާ 51 އަހަރު ފުރޭ 52 ވަނަ ޖުމްހޫރީ ދުވަހެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ގާއިމު ކުރެވުނީ، 1 ޖަނަވަރީ 1953 ގައި ސުމުއްވުލްއަމީރު އަލްމަރްހޫމް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒައާމަތުގައެވެ. މިހާރު ގާއިމުވެފައި މި އޮތް، ދެވަނަ ޖުމްހޫރިއްޔާ އަކީ ސުމުއްވުލްއަމީރް އަލްމަރްހޫމް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒައާމަތުގައި، 11 ނޮވެންބަރު 1968 ގައި ގާއިިމް ކުރެވުނު ޖުމްހޫރިއްޔަތެކެވެ.