އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން 17 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައި އޮޕްރޭޝަނެއް ކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އަންހެން ކުއްޖެއްގެ ފުއްޕާމެއިން ޕިން ނަގައިފައި ވާކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ. އޮޕަރޭޝަނުގައި ހަރަކާތްތެރި ވެފައި ވަނީ ޑރ.މުހައްމަދު އަލީ، ޑރ.މުހައްމަދު އިސްމާއިލް އަދި ހޭނެއްތެވީ ޑރ.ބަރަކާތް ކަމަށެވެ.

ބުރުގާގައި ޖަހާ ދަތިފަދަ ތޫނު އެއްޗިހި އަނގަތެރެއަށް ނުލުމަށްް އައިޖީއެމްއެޗްގެ ޑޮކްޓަރުން އިލްތިމާސް ކުރާ ކަމަށް ވެސް އައިޖީއެމްއެޗް އިންވަނީ ބުނެފައެވެ.

ފުއްޕާމެއަށް ޕިން ފަދަ އެއްޗެހި ގޮސްގެން ކުރެވޭ މިފަދަ އޮޕަރޭޝަން ތަކަކީ މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި ކޮށްފައިވާ އޮޕަރޭޝަންތަކެކެވެ. މިދިޔަ މަހު އައިޖީއެމްއެޗުން ވަނީ ހަ އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެެއިން ލެގޯ ކޮޅެއް ނަގާ އޮޕަރޭޝަނެއް ކޮށްފައެވެ. މިފަދަ ތެކެތި ބޭނުން ކުރުމުގައި ސަމާލުވާން ޖެހެއެވެ. ސަބަބަކީ މިފަދަ އެއްޗެއްސަކީ ފުރާނަ އަށް ނުރައްކާ ވާފަދަ އެއްޗެއްސަށް ވާތީއެވެ.