ދަތުރުވެރިންގެ މާރުކޭޓުގެ މަސައްކަތް ހުއްޓިފައިވާ ސަބަބު ހެއްކާއެކު ހާމަކުރައްވާނެ ކަމަށް މާލެ ސީޓި ކައުންސިލުގެ މެންބަރު މުހައްމަދު ފަޒީން ވިދާޅުވެއްޖެއެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު އަދިވެސް ކައުންސިލްއަށް ކަނޑަނޭޅޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވެފައި ވާއިރު، އެ ކައުންސިލުގެ މެންބަރު ފަޒީން ވަނީ އެ ކަމަށް ހޫނު ރައްދެއް ދެއްވާފައެވެ. ފަޒީން ވިދާޅުވީ އޭނާއަށް ދަތުރުވެރިންގެ މާރުކެޓު ހުއްޓިފައިވާ ސަބަބު ހާމަކުރުމުގެ ފުރުސަތު މިހާރު ލިބިވަޑައިގެންފި ކަމަށެވެ. މީގެ އިތުރުން ފަޒީން ވިދާޅުވީ އެކަން ހިނގާފައިވާ ގޮތުގެ ޓައިމްލައިން ހެއްކާއެކު މީޑިއާއަށް ވަަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށެވެ.
މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ މަރާމާތު ކުރުމަށް މާރުކޭޓު ވަނީ ބަންދުކޮށްފައެވެ. 160 އަށްވުރެ ގިނަ ގޮޅި އެތަނުގައި އޭރު ހުރި އިރު، ސިޓީ ކައުންސިލްގެ މާރުކޭޓް ކޮމެޓީން ފުރަތަމަ ނިންމީ މިހާރު ހުރި ގޮޅިތައް ބޮޑުކޮށް ގޮޅިތަކުގެ އަދަދު 63 އަށް މަދުކުރުމަށެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ މަސައްކަތް ނިންމުމަށް ފަހު ހުޅުވުމަށް 45 ދުވަހުގެ މުއްދަތެއް ސިޓީ ކައުންސިލުން ދީފައިވީ ނަމަވެސް އަދިވެސް އެ މާރުކޭޓުގެ މަސައްކަތް މިވަނީ ނުނިމިއެވެ. މި ކަމާ ގުޅޭ ގޮތުން މީޑިއާއަަކަށް ދިން އިންޓަވިއުއެއްގައި ސަމާއު ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް މާރުކޭޓުގެ ގޮޅިތަކުގެ އަދަދު އަދިވެސް ކަނޑަނޭޅޭ ކަމަށެވެ. އަދި މާރުކޭޓުގެ މައްސަލާގައި މިހަފްތާ އަންގާރަ ދުވަހު ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، އެ ބައްދަލުވުމުގައި ވަކި ގޮތަކަށް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަމާއު ވިދާޅުވިއެވެ.
އިރުއިރުކޮޅާ ދަތުރުވެރިންގެ މާރުކޭޓް ބަންދުނުކޮށް ވަޅޯމަސް މާރުކޭޓް ބަންދުކޮށް ތަރައްްްޤީ ކުރިއްޔާ ކީއްތަވާނީ މިހާރުވެސް އެތަން ހީވަނީ އިންޑިޔާގެ ޗަކަބިމެއްހެން