މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރިޕޯޓާ ގުޅިގެން، ރިޕޯޓު ލިޔުމުގައި އެންމެ އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ، ޓެރަރިސްޓެއް ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޝައްމާންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ޝައްމާނުގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައި ވަނީ މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމަށް ގާނޫނުގައި ބުނެފައިވާ 30 ދުވަސް ހަމަވުމުން މުއްދަތު އިތުރު ކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން ފުލުހުން އެދިފައި ވާތީއެވެ.

އައިއެސް އިން މީގެ ކުރިން އާއްމު ކުރި ފޮޓޯއެއް ޝަހިންދާގެ މޫނު ފެންނަ ގޮތައް އެޑިޓްކޮށް އެފޮޓޯ ފޭސްބުކްގައި އާއްމުކުރުމުން ޝައްމާން ހައްޔަރުކޮށްފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިނެވެ. ޝައްމާން ހައްޔަރު ކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އަދި މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ އަނެއްކާވެސް ޝައްމާންގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.

މިދިޔަ މަހު ޝައްމާން ހައްޔަރުކުރިއިރު، އޭނާއާ ގުޅޭގޮތުން ފުލުހުން އެއިރު ބުނީ، އޭނާ ހައްޔަރުކުރީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ޓެރަރިސްޓް ޖަމާއްތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލްމީޑިއާގައި އާންމުކޮށް ހާމަކުރަމުން ދިޔަ މައްސަލަ އަކާއި ގުޅިގެން ކަމަށް ފުލުން ވަނީ ބުނެފައެވެ.

ޝައްމާން ދޫކޮށްލަން އޭނާގެ ރަހުމަތްތެރިންނާއި ގިނަ އަދަދެއްގެ އާއްމުން ވެސް އަންނަނީ ގޮވާލަމުންދާއިރު ޝައްމާނަކީ މީގެ ކުރިން އެމްޑީޕީ އަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ވަރަށް ބޮޑަށް ތާއިދުކޮށް ވާހަކަދައްކަމުންދިޔަ މީހެކެވެ. ނަމަވެސް އޭނާ ވަނީ އެމްޑީއޭގެ ރިޕޯޓްގެ މައްސަލައިގައި އެ ޕާޓީއަށް ކުރަމުން ދިޔަ ތާއިދު އަބުރާ ގެންގޮސްފައެވެ.