އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްގެ އަޔޯދިޔާގައި ހުރި އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ މަސްޖިދް ބާބްރީ ހުރި ބިން ހިންދޫންނަށް ދޭން އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މިގޮތަށް އެގައުމުގެ ސުޕްރީމްކޯޓުން ނިންމީ 16ވަނަ ގަރުނުގައި އަޅާފައި ހުރި މި މިސްކިތް ހުރި ބިމާ މެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދިޔަ ޝަރީއަތަށް ފަހުއެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން ކޮށްފައިވާ އެ ހުކުމްގައި ވަނީ ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް މިލްކު ކޮށްދީ، އެ ބިމުގައި ފައްޅިއެއް އެޅުމުގެ ފުރުސަތު ހިންދޫންނަށް ދޭން ޖެހޭ ކަމަށެވެ. އަދި އެ މިސްކިތުގެ ބަދަލުގައި އިންޑިއާގެ މުސްލިމުންނަށް އެގައުމުގެ އެހެން ހިސާބަކުން ބިމެއް ދިނުމަށްވެސް އެ ހުކުމުގައި ނިންމާފައި ވެއެވެ.

މި މައްސަލައަކީ އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ދެކޮޅުވެރިކަން އެންމެ ބޮޑުވި އެއް މައްސަލައެވެ.

ހިންދޫން ބުނާގޮތުގައި، ބާބްރީ މިސްކިތް ހުރި ތަނުގައި ކުރިން އެބައި މީހުންގެ ފައްޅިއެއް ހުއްޓެވެ. ނަމަވެސް މުސްލިމުން އެތަނަށް ވެރިވެގަނެ، ފައްޅި ތަޅާލީ ކަމަށް އެމީހުން ބުނެއެވެ.

އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން 1992 ވަނަ އަހަރު އަޔޯދިޔާއަށް އަރައި އެ ސިޓީގެ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާގައި ބާބްރީ މިސްކިތް ވަނީ ބޭނުންނުކުރެވޭ ވަރަށް ތަޅާލާފަ އެވެ. ބާބްރީ މިސްކިތައް ހިންދޫ ދީނުގެ މީހުން އަރައިގަނެ ހިންގި ހަމަނުޖެހުންތަކުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދިނުމަކީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ ވައުދެކެވެ.