ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކޮށް ރަސޫލާގެ ސުންނަތާއި އެއްގޮތަށް އަމަލު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ އެމްއާރްއެމް އިން ބުނެފިއެވެ.

އެމްއާރްއެމް އިން ރަސޫލާގެ އިދުމީލާދާ ގުޅުވައިގެން ނެރުނު ބަޔާނުގައި އީދު މީލާދުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ފޮނުވާފައެވެ.

މި ތަހުނިޔާގައި ވަނީ ރަސޫލާގެ ހަޔާތްޕުޅުން އިބުރަތްތެރި ފިލާވަޅެއް ހާސިލްކުރަން ޖެހޭ ކަމަށާއި ރަސޫލާ ގެނެސްދެއްވި ހިދާޔަތުގައި އަބަދުމެ ހިފެހެއްޓެވުމުގެ އަޒުމް އާލާ ކުރަން ޖެހޭ ކަމަށެވެ. އަދި ރަސޫލާގެ ހަޔާތްޕުޅާއި ގެންގުޅުއްވި މާތް އުސޫލުތަށް އަމަލީގޮތުން ނަމޫނާ އަކަށް ބަލަންޖެހޭ ކަމަށެވެ.

ރަސޫލާގެ އޯގާތެރިކަމާއި އެންމެނަށްވެސް ރަހުމު ކުރެއްވުމުގެ މާތް ސިފަފުޅަކީ އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ސިފަފުޅެއް ކަމަށާއި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ގާތްތިމާގެ ބޭފުޅުންނާއި އަސްހާބުބޭކަލުންނާއި ދޭތެރޭ ބެހެއްޓެވި ގާތްކަން ވަނީ ފާހަގަ ކޮށްފައެވެ. އެއިން އެއްވެސް ބޭފުޅަކަށް ރަސޫޅާގެ ހިތްޕުޅު ނުބައި ނުކުރައްވާ ކަމަށާއި އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް އެއްވެސް ބަހެއް ވިދާޅުވެފައި ނުވާކަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ އެންމެންވެސް އެންމެ އިސްކަމެއް ދޭންވީ، ރަސޫލާ ކޮންމެ ކަމެއްގައިވެސް ދައްކަވާފައިވާ ގޮތަށް ބަލައި އެކަން ނަމޫނާ އަކަށް ބަލައިގެން އަމަލު ކުރުމަށް ކަމަށެވެ. އެކަލޭގެފާނަކީ އޯގާތެރި ކަމޭހިއްތަވާ އިހުސާންތެރިއެއްކަން ފާހަގަ ކޮށް އެގޮތަށް އަޅުގަނޑުމެންގެ އަމަލުތަށް ބައްޓަން ކުރަަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ހަމަ އެހެންމެ ރަސޫލާގެ ހަޔާތްޕުޅުން އިބްރަތް ހާސިލް ކޮށް އެއްބައި ވަންތަ ކަމާއި ހަމަހަމަ ކަމުގެ އުސޫލު ތަކަށް ހުރުމަތްތެރި ކޮށް ހިތަން ޖެހޭ ކަމަށާއި ދިވެހިންގެ މަދުގައި އުހުވަންތަ ކަމުގެ ގުޅުން އިތުރަށް ބަދަހު ކުރަން ޖެހޭ ކަމަށާއި ސުލްހަވެރި މަސްލަހަތެއް ދެމެހެއްޓުމަށް މަސައްކަތް ކުރަންވެސް ވަނީ ގޮވާލާފައެވެ.