ޖަލުގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދެވި މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުޙައްމަދު މޫރުސީ ކުށްލި ގޮތަކަށް އަވަހާރަވި އަވަހާރަވުމަކީ، މިސްރުގެ ދައުލަތުން ފަންޑުކޮށްގެން، ޝަރުއީ އިމުން ބޭރުން ގަސްތުގައި މީހެއްގެ ފުރާނަ ދުއްވާލުމަށް ހިންގި އަމަލެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމަށް އދގެ ތަޖުރިބާކާރުންގެ މިނިވަން ޕެނަލަކުން ބުނެފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރުގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މޫރުސީގެ ހަޔާތްޕުޅުގެ އެންމެ ފަހު 5 ވަރަކަށް އަހަރު ދުވަސް ހޭދަކުރެއްވި ތޯރާ ޖަލުގައި އޭނާ ހައްޔަރުކޮށްގެން ބަހައްޓާފައިވަނީ ލާއިންސާނީ ހާލަތެއްގައި ކަމަށް ދެންނެވުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުޙައްމަދު މޫރުސީގެ މައްޗަށް ތުރުކީވިލާތުގެ އިސްތަންބޫލްގައި ޣައިބަށް ކަށުނަމާދުކުރަނީ/ފޮޓޯ: އަނަދޯލޫ އޭޖެންސީ

އެފަދަ އަނިޔާވެރި ކަމެއްގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު މި ދުނިޔެއާއި މޫރުސީ ވަކިވެވަޑައިގެންނެވުމަކީ، ޝަރުއީ އިމުން ބޭރުން ގަސްތުގައި މީހެއްގެ ފުރާނަ ދުއްވާލުމަށް ދައުލަތުން ހިންގި އަމަލެއް ނޫންކަމަށް ބުނެވެން ނެތްކަމަށްވެސް މި ބަޔާނުގައިވެއެވެ.

މިސްރުގެ ތާރީހު ދުށް ފުރަތަމަ ޑިމޮކްރަޓިކް ރައީސްގެ ގޮތުގައި މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވި މޫރުސީ އަވަހާރަވީ ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް، މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. މި ޝަރީއަތަކީވެސް ސިޔާސީ މަގުސަދެއްގައި މޫރުސީއާއި ދެކޮޅަށް ހިންގި ޝަރިޔަތެއް ކަމަށް މަސްރަހު ތަހުގީގުކުރަމުންދާ އޮބްޒާވަރުން ވިދާޅުވެއެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ (ވ) ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އެކު ވައިޓް ހައުސްގައި/ފޮޓޯ: ރޮއިޓާޒް

ޑިމޮކްރަޓިކް ރައީސްގެ ހައިސިއްޔަތުން މިސްރުގެ ވެރިކަމުގައި މޫރުސީއަށް ހުންނެވުނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށެވެ. މޫރުސީގެ ވެރިކަން ވައްޓާލީ، މިސްރުގެ މިހާރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް-ސީސީ އިސްކޮށް ހުންނަވައިގެން 2013 ވަނަ އަހަރު ކުރެއްވި އަސްކަރީ ބަގާވާތަކުންނެވެ.

އދގެ ހާއްސަ ރެޕަޗުއާ އެގްނެސް ކެލަމާޑް އިސްކޮށް ހުންނަވައިގެން ޔޫއެން ވާކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ކުރިއަށް ގެންދިޔަ ތަހުގީގުގައި ބައިވެރިވެވަޑައިގެންނެވި ތަޖުރިބާކާރުންގެ ޓީމުން ސިފަކުރެއްވި ގޮތުގައި، މިސްރުގެ ޖަލުތަކުގައި ސީސީގެ ސަރުކާރުން އިންސާނީ ހައްގުތައް ވަނީ ނިގުޅައިގެންފައެވެ. އަދި އެއީ ގަސްތުގައި އެ ސަރުކާރުން ހިންގާ އަމަލެއްކަމަށްވެސް ވަނީ ސިފަކުރައްވާފައެވެ.

މުހައްމަދު މޫރުސީ

ވެރިކަމުން ދުރުކުރުމަށްފަހު މޫރުސީ ހައްޔަރުގައި ބަހައްޓަވާފައިވަނީ އެކަހެރި ޖަލެއްގައެވެ. މޫރުސީއަކީ އޭރުވެސް ހަކުރު ބައްޔާ ލޭ މައްޗަށް ދާ ބައްޔަށް ބޭސްކުރައްވަމުން ގެންދެވި ބޭފުޅެއް ނަމަވެސް، އެފަދަ އެއްވެސް ފަރުވާއެއްގެ ސިއްހީ ހިދުމަތެއް މި ޖަލުގައި މޫރުސީއަށް ފޯރުކޮށްދީފައެއް ނުވެއެވެ. އަދި މޫރުސީގެ ސިއްހީ ހާލުކޮޅު ދަށަށް ދާކަމުގެ އިންޒާރު، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެމުންދިޔަ ކަމަށާ، ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް އދގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

އދގެ ޕެނަލްގެ ހޯދުންތަކާ، ހަމާކޮށްފައިވާ ވާހަކަތަކާ ގުޅިގެން މިސްރުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.