ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާ ގުޅިގެން ދިެވެހިންގެ ތެރޭގާއި އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، މުސްލިމުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސްގެ ހިތާބުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރައްވާ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަހުންނާއި އުހުތުންނަށް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުވައި މުބާރަކްބާދީ އަދާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ނަބިއްޔާގެ އީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، އާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ އަގީދާގައި، ހިތްތައް ސާބިތު ކުރުން ކަމަށެވެ. އަދި، މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އާލަމްތަކަށް ރަހްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ އަޅުގަނޑުމެން ފާހަގަކުރަނީ، ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަތިވެރި ޒިކްރާއިން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށާއި، އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަހްލާގީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ހަޔާތްޕުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އިންސާނީ މުޖްތަމައެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ އަމަލީ ގޮތުން ދައްކަވައިދެއްވައިފައި ކަމަށްވެސް ރައީށް ވިދާޅުވިއެވެ.

އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދެވެ. އަނެކުންނަށް އިހްތިރާމް ކުރުމާއި، މައާފްކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް ދޫކުރެއްވި، އިންސާނީ އަހްލާގިއްޔާތުގެ އެންމެ ވިދުންގަދަ މުތީތައް ކަމަށް އެމިނިކުފާނު ފާހަގަކުރެއްވިއެވެ. ކޮންމެ ކަމެއްގައިވެސް އަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑު ކަަމށާއި، މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަގީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާއީ އަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބު ނިންމަވާލައްވަމުން މާތްވެގެންވާ އިސްލާމްދީނުގައި ދިވެހިންގެ ހިތްތައް ސާބިތުކުރައްވައި، ރާއްޖެއާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މެދުގައި، ސުލްހަވެރިކަމާއި އަމާންކަން ގާއިމުކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތުގައި ވަނީ ދުއާ ދަންނަވާފައެވެ.