ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ ބޭފުޅުންގެ ނަންތައް ހާމަކުރެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ގޮވާލައްވައިފިއެވެ
ހަސަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ މި މަހުގެ 5 ވަނަދުވަހު ސަސްޕެންޑްކޮށް، އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް، ހައިލަމް ރޭ ނެރުއްވި ނޫސް ބަޔާނުގައި ސަރުކާރުގެ އިސް ބޭފުޅުންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ.
ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ހައިލަމް އިލްޒާމް ނާޅުއްވާ، ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ ކަމަށް ވާނަމަ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވުމަށާއި އެ މައްސަލަ ހުށަހަޅުއްވުމަށެވެ.
ރޭ ހައިލަމް ނެރުއްވި ބަޔާނުގައި ވަނީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސީދާ ގޮތުން މެސެޖު ކުރައްވައިގެންނާއި ގުޅުއްވައިގެން އަދި ހައިލަމް ދަންނަ ގާތް މީހުން މެދުވެރިކޮށް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެކަމުގެ ކަށަވަރުކަން ދިނުމަސް އެދިވަޑައިގެންފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި އެކަމުގެ ކަށަވަރުކަން ނުދެއްވާނެ ކަމަށް ވިދާޅުވުމުން ޕޮލިހުގައި އަލްހާނު ފަހުމީއާއި އޭނާގެ މައްސަަލައެއް އޮތް ކަމަށް ވިދާޅުވެ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށާއި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވާ ކަމަށް ހައިލަމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ހައިލަމް ވިދާޅުވީ، ސަރުކާރުގެ ވަޒީރުންގެ ތެރެއިން، ކުރީގެ އަދި މިހާރުގެ މަޖިލިސް މެންބަރުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހައްގުވާ ފަރާތްތައް އެބަ ތިއްބެވި ކަމަށެވެ. އަދި ސަރުކާރުގެ މަގާމެއްގައި ހުރި ހަމަ ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓް ބަލައިފިނަމަ ހަމަ ކޮންމެ މީހެއްގެ އެކައުންޓުގައި ވެސް އޭނާގެ ގާތް މީހުން އެކި ކަންކަމުގައި ބަދަލުކޮށްފައި ހުންނަ ފައިސާގެ މުއާމަލާތް ފެންނަން ހުންނާނެ ކަމަށެވެ.
އަދި ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެ ކަމަށާއި އަދި އެއީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް އެނގެން ނުޖެހޭނެ ކަމެއް ކަމަށް ހައިލަމް ވިދާޅުވެފައި ވެއެވެ.