ވީނުވީ އެއް ނޭނގި ގެއްލޭ ކުދިން ހޯދުމަށާ، ފިލައިގެން އުޅޭ ޖިނާއީ ކުށްވެރިން އަތުލައިގަތުމަށް ގައުމީ ފެންވަރެއްގައި ފޭޝަލް ރިކޮގްނިޝަން ސާވޭލަންސް ސިސްޓަމް ހަރުކުރުމަށް އިންޑިއާއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާތީ، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކާ ޓެކްނޮލޮޖީ އެނަލިސްޓުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާއިން ތައާރަފުކުރާ ފޭޝަލް ރެކޮގްނިޝަން ސާވޭލަންސް ނިޒާމާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކާ ޓެކްނޮލޮޖީ އެނަލިސްޓުން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވަނީ އިންސާނަކަށް ވީތީ ލިބިދޭ ޒާތީ ސިއްރިއްޔާތު ނުހިފެހެއްޓޭ ކަމަށް ބުނެއެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ބިއުރޯއިން ބުނާ ގޮތުގައި މޫނު ބަލައިގެން އެއީ ކޮންބައެއްކަން ދެނެގަންނަ ޓެކްނޮލޮޖީ ގާއިމުކުރަނީ ފުލުހުންގެ ބާރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް، މައުލޫމާތު އެއްކުރުމާ، ޖިނާއީ ކުށްވެރިން ދެނެގަނެ އެއީ ކޮންކޮން ބައެއްކަން ކަށަވަރު ކުރުމުގެ މަގުސަދުގައެވެ.

އިންޑިއާގައި ގައުމީ ފެންވަރުގައި ތަންފީޒު ކުރާ ފޭޝަލް ރިކޮގްނިޝަން ސާވޭލަންސް ޓެކްނޮލޮޖީ ނިޒާމަކީ، މުޅި ދުނިޔޭގެ ފެންވަރުގައި ގާއިމުކުރާ މިފަދަ އެންމެ ބޮޑު އެއް ނެޓްވާކަށް ވާނެއެވެ.

އިންޑިއާގައި މި ނިޒާމު ގާއިމުކުރާނެ ފަރާތެއް މިއަދުގެ ވަގުތެއްގައި ކަށަވަރުވާނެ ކަމަށް ޚަބަރު ލިބެއެވެ.