އެމެރިކާ ރެއިޑުން ސަލާމަތްވާނެ މަގެއް ނުފެނިގެން އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މަރުވި އައިސިސް ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީއާއި އެންމެ ގާތުގައި އުޅުނު މީހުން ސޫރިޔާ ދޫކޮށް ތުރުކީވިލާތަށް އެތެރެވާން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުރުކިވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ.

އުރުދުގާން ވިދާޅުވީ ބަގުދާދީއާއި ގުޅުން އޮންނަ އޭނާގެ އާއިލާގެ މެމްބަރުންގެ ތެރެއިން ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ އަދަދު 10އަކަށް ވުރެ މައްޗަށް އެރުމާ ގާތްވެފައިވާކަމަށެވެ.

ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ދިރިއުޅެމުންދިޔަ ސަރަހައްދުގައި ކަމާ ބެހޭ ފަރާތްތަކުން ހަރަކާތެރިވަނީ/ފޮޓޯ: އެންކޮރޭޖް ނިއުސް ޑެއިލީ

މުރާސިލުން ސިފަކުރާ ގޮތުގައި މިއީ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ލީޑަރުގެ ގޮތުގައި ފާއިތުވީ 5 އަހަރެއްހާ ދުވަހު އެންމެ އިސްކޮށް އުޅުނު ބަގުދާދީއާއި އޭނާއާއި ގާތް ގުޅުންތަކެއް އޮތް މީހުން ހިފާ ހައްޔަރު ކުރުމަށް ތުރުކީވިލާތުން ހިންގާ ވަރުގަދަ އޮޕަރޭޝަންއަށް އާންމުންގެ ތާއީދު ހޯއްދެވުމަށް އުރުދުގާން މަސައްކަތްކުރެއްވި 2 ވަނަ ފަހަރެވެ.

ކަންމިހެން އޮތްއިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރުދުގާން ވިދާޅުވީ ބަގުދާދީގެ އެންމެ ގާތް މީހުންގެ އަމާޒަކަށް ތުރުކީވިލާތް ވެފައިވާކަމަށާ، ސޫރިޔާ ދޫކޮށް ތުރުކީވިލާތުގައި ވަޒަންވެރިވުމަށް އެމީހުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ އިސް ކޮމާންޑަރު އަބޫ ބަކުރު އަލް-ބަގުދާދީ (ވ) ކަމަށް ބުނާ މީހާ/ފޮޓޯ:ދަ ޑިފެންސް ޕޯސްޓް

ބަގުދާދީގެ 4 އަނބިންގެ ތެރެއިން އަތްބަކުވެސް ތުރުކީވިލާތުން ހައްޔަރުކޮށްފައިވާއިރު އެއީ އަސްމާ ފައުޒީ މުޙައްމަދު އަލް-ގުބައިސީ ނަމަކަށް ކިއާ މީހެއްކަން ތުރުކީވިލާތުގެ ފުލުހުން މިހާރު ވަނީ އާންމުކޮށްފައެވެ. އެއީ ބަގުދާދީގެ ދޮށީ އަނބި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ލީލާ ޖަބީރުގެ ނަމުގައި ތުރުކީވިލާތުން ހައްޔަރު ކުރި ދެވަނަ އަންހެނަކީ ބަގުދާދީގެ ދަރިއެއްކަން ޑީއެންއޭ ޓެސްޓުތަކުން ސާބިތުވެފައިވާކަމަށްވެސް ތުރުކީވިލާތުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އުރުދުގާން ވިދާޅުވި ގޮތުގައި ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަގުދާދީގެ އާއިލާ މެމްބަރުންނާ ގާތް މީހުން ބައިތިއްބާފައި ތިބީ ޑިޓެންޝަން ސެންޓަރުތަކެއްގައެވެ. އަދި މިމައްސަލާގައި ޖަސްޓިސް މިނިސްޓްރީއިން ގޮތެއް ނިންމަންދެން އެމީހުން ބައިތިއްބާނީ އެތަނުގައި ކަމަށްވެސް އުރުދުގާން ވަނީ ހާމަކުރައްވާފައެވެ.

އަބޫ ބަކުރު އަލް-ބަގުދާދީގެ ދައްތައެއް ކަމަށް ބުނެ ތުރުކީވިލާތުން ހައްޔަރުކުރި މީހާ/ފޮޓޯ: އަލްޖަޒީރާ

ކަންމިހެން އޮތްއިރު ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކުން މިހާރުވެސް ދަނީ ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންކަން ފާހަގަކުރަންޖެހެއެވެ. މި އޮޕަރޭޝަނަކީ އެ ސަރަހައްދުން އައިސިސްގެ ބާރު ކަނޑުވާލުމަށް އެމެރިކާއަށް އެއްބާރުލުން ދިން ކުރުދީ ހަނގުރާމަ ވެރިން ބަލިކުރުމުގެ ނަމުގައި ތުރުކީވިލާތުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. ތުރުކީވިލާތުން ބުނާ ގޮތުގައި ކުރުދީ ހަނގުރާމަވެރިންނަކީވެސް ޓެރަރިސްޓުންނެވެ. އަދި ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތަށް އެތެރެވި މީހުން އަނބުރާ ސޫރިޔާއަށް ފޮނުވާލަމަށް ގާއިމުކުރާ "ސޭފްޒޯން" މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި އެސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ބާލަންޖެހެއެވެ.

ތުރުކީވިލާތުން ބުނާ ގޮތުގައި އޮކްޓޯބަރު 9 ވަނަ ދުވަހު އޮޕަރޭޝަން ފެށިފަހުން ސޫރިޔާގެ 140އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާއިރު ތުރުކީވިލާތުގެ ފައުޖުން 11 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.