ދިވެހިރާއްޖޭގެ އުއްތަަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ހަވާލު ކުރުމަށް ޖޭއެސްސީން ފޮނުވި ރިޕޯޓު އަނބުރާ ފޮނުވާލައިފިއެވެ.
ޖޭއެސްސީން ތަހުގީގު ކުރަމުންގެންދާ އުއްތަމަ ފަނޑިޔާރުގެ ސުލުކީ މައްސަލައިގެ ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވާފައި ވަނީ މިއަދުއެވެ. މި ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވާފައި ވަނީ އުއްތަމަ ފަނޑިޔާރާ ހަވާލު ކުރުމަށް ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ، އުއްތަމަ ފަނޑިޔާރަށް ފޮނުވި ރިޕޯޓު ޖޭއެސްސީއަށް އަނބުރާ ފޮނުވި ކަމަށާއި ކައުންޓަރު ބަންދުކޮށްފައި ހުރުމުން ކައުންޓަރު މަތީ އެ ރިޕޯޓު ބާއްވާފައިވާ ކަަމަށް އުއްތަމަ ފަނޑިޔާރުގެ ފަރާތުން ސުޕްރީމް ކޯޓުގެ އިދާރީ މުވައްޒަފު ގުޅާފައި ބުނި ކަމަށެވެ. މީގެ އިތުރުން އެ ރިޕޯޓު ހަވާލުކޮށްފައި އެވަނީ ރަސްމީ ވަގުތު ނިމި އޮފީސް ބަންދުކުރި ފަހުން ކަމަށް ވެސް އިޒްމީރާ ވިދާޅުވިއެވެ.
ޖޭއެސްސީން ތައްޔާރު ކުރި ރިޕޯޓަކީ އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުން ދިޔަ ސުލޫކީ މައްސަލައިގެ ތަހުގީގީ ރިޕޯޓެވެ. އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކުގެ ތެރޭގައި އެންމެ ފަހުން ފެންމަތިވެފައިވާ މައްސަލައަކީ ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް ވަޒީފާގެ ބިރު ދެއްކެވި މައްސަލައެކެވެ.
މީގެ އިތުރުންވެސް އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި ސުލޫކީ މައްސަލައެއްގައި އެމަނިކުފާނާ މެދު އެޅި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ކަމުގެ ލިޔުން އެމަނިކުފާނާ ހަވާލު ކުރަންން އުޅުމުން އެ ލިޔުމާ ހަވާލުވެ ވަޑައިގަތުމަށް އިންކާރު ކުރައްވާފައި ވާތީ އެކަންކަމާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ވަނީ ނިންމާފައެވެ.