އަފްޣާނިސްތާނާ ވެސްޓް އިންޑީޒްއާއި ދެމެދު އިންޑިއާގައި ކުރިއަށްދިޔަ ވަން-ޑޭ އިންޓަނޭޝަނަލް ކްރިކެޓް ސީރީޒްގެ މެޗު ބަލާލުމަށް އިންޑިއާއަށް ދަތުރުކުރި އަފްޣާނިސްތާނުގެ އާދަޔާ ހިލާފަށް އިސްކޮޅުން ދިގު ސަޕޯޓަރަށް ހިތުން ރުހުމުން ޖާގަދޭނެ ހޮޓަލެއް ނުލިބި، އިންޑިއާ ފުލުހުންގެ ހިމާޔަތް ހޯދަންޖެހިއްޖެއެވެ.

މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކަށް ބަލާއިރު އިސްކޮޅުގައި 8 ފުޓޫ 2 އިންޗި ހުންނަ ޝޭރު ހާންއަށް ކޮޓަރިއެއް ކުއްޔަށް ދޭނެ އެއްވެސް ހޮޓަލެއް ނެތުމުން އޭނާ ވަނީ އިންޑިއާ ފުލުހުންގެ އެހީތެރިކަން ހޯދާފައެވެ. މިއާއެކު އިންޑިއާ ފުލުހުން އޭނާ ބަހައްޓާފައި ހުރީ ހޮޓެލް ރާޖްދާނީގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ހޮޓާތަކުން ހާންއަށް ކޮޓަރި ކުއްޔަށް ދޭން އިންކާރު ކުރީ އޭނާގެ އިސްކޮޅާ އެކަށޭނަ ކޮޓަރިއެއް ނެތް ކަމަށް ބުނުމަށްފަހުގައެވެ. މިއާއެކު އެކަނިވެރިކަމާ މާޔޫސް ހާލުގައި ޝޭރު ހާން، އިންޑިއާ ފުލުހުންގެ އެހީ ހޯދީއެވެ.

މީގެ އިތުރުން ޝޭރު ހާންގެ ވާހަކަތައް މީޑިއާގައި ދައުރުވާން ފެށުމާއެކު އެތައް ސަތޭކަ ބަޔަކު ހޮޓާ ކައިރިއަށް އޭނާ ބަލާލަން ޖަމާވުމުގެ ސަބަބުންވެސް އޭނާ ހުރީ މާޔޫސްވެފައި ކަމަށް ޚަބަރު ލިބެއެވެ.

މެޗު ކުރިއަށްދިޔަ ސްޓޭޑިއަމަށްވެސް ޝޭރު ހާން ދިޔައީ ފުލުހުންގެ އެހީތެރިކަމާއިއެކުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހަފުތާ ބަންދާ ޖެހެންދެން ޝޭރު ހާން ހުންނާނީ އިންޑިއާގައެވެ.