އެންޓަސިޑްސް ނުވަތަ ބަނޑުގައި ހުންނަ އެސިޑްގެ އުނދަގޫތަކުން ސަލާމަތްވުމަށް ބޭނުންކުރާ ބޭހުގެ ސަބަބުން "ކިޑްނީއަށް އަނިޔާ" ލިބޭ ކަމަށް އިންޒާރުދޭ ލިޔެކިއުންތައް އެ ބޭސްތަކާއެކު ޕޭޝަންޓަށް ލިބެންޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.

އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލްގެ އޮފީހުން މިކަން މިގޮތަށް ކަނޑައަޅާފައި ވަނީ ބަލި މީހުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް ޚަބަރު ލިބެއެވެ. މި ބަދަލާއެކު އިންޒާރުދޭ ލިޔުންކޮޅު ހިމަނަން ޖެހޭނީ ބޭސް ފޮށިގަނޑުގެ ތޭރަގައި އޮންނަ ވަކި ލިޔުމެއްގައި، ސައިޑް އިފެކްޓްތައް ބަޔާންކޮށްދޭ ގޮތަށް ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ކިޑްނީއަށް ބޮޑެތި ގެއްލުންތަކެއް ދޭ އެންޓަސިޑްތަކުގެ ތެރޭގައި ޕެންޓޮޕްރަޒޯލް، އޮމެޕްރަޒޯލް، ލަންސޯޕްރަޒޯލް، އެސޯމެޕްރޮޒޯލްއާއި އެއާއި ގުޅިފައިވާ އެފަދަ ބޭސްތައް ހިމެނޭކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާއިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި ހަދާފައިވާ ބައެއް ދިރާސާތަކުންވެސް މިކަން ސާބިތުވެއެވެ. އެގޮތުން "ގޭހާއި މޭ އެނދުމުގެ" އުނދަގޫތަކުން ސަލާމަތް ވުމަށް ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވާކަން ވަނީ ހޯދިފައެވެ. އޭގެ ތެރޭގައި ކިޑްނީ ހަލާކުވުމާ، ދިގުމުއްދަތަކަށް ކިޑްނީ ބައްޔަށް ބޭސްކުރަން ޖެހުމާ، ދާއިމީ ގޮތެއްގައި ކިޑްނީ ބައްޔަށް ބޭސްކުރަން ޖެހުމުގެ އިތުރުން ބަނޑުގެ އެކި ކަހަލަ ކެންސަރު ޖައްސާ ކަމަށްވެސް ހޯދުންތަކުން ވަނީ ސާބިތުވެފައެވެ. މި ވާހަކަތަކަކީ ނެފްރޮލޮޖީ ޖާނަލްތަކުގައި ހުރި ވާހަކަތަކަށްވީ ނަމަވެސް، ބައެއް ޑޮކްޓަރުންނަށް މިކަމުގެ ފުރިހަމަ ތަފްސީލު އެނގިފައި ނުވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ގޭހާއި ވައިގެ އުނދަގޫތަކަށް ލުއި ދިނުމުގެ އިތުރުން ކަށީގެ ބަލިތަކާ، ހިތުގެ ބަލިތަކުގެ އިތުރުން އެތެރެ ހަށީގެ ބަލިތަކާ ސާޖަރީއަށް ފަހުގައިވެސް މިފަދަ އެންޓަސިޑްސް ދީ ހަދައެވެ.

ވައިގެ އުނދަގޫތަކަށް އާންމުކޮށް ބޭނުންކުރާ އެންޓަސިޑް ބޭސްތަކެއް/ފޮޓޯ: ރޮނާލްޑް ހޮސްކިންސް

މީގެ 20 އަކަށް އަހަރު ކުރިން އެންޓިސިޑް ބޭސްތައް ތައާރަފުވެގެން އައިއިރު ގިނަ ބަޔަކަށް ހީވެފައި އޮތީ އެއީ އިންތިހާއަށް ރައްކާތެރި ބޭސްތަކެއް ކަމަށެވެ. ނަތީޖާއަކަށްވެފައި އޮންނަނީ ކޮންމެ ބޭސްސިޓީއެއްގެ ފަހަތުގައިވެސް މި ފަދަ ބޭހެއް ލިޔެދެވޭ ގޮތް ވުމެއެވެ. އަދި ބަލި މީހާއަށްވެސް އެ ބޭހާ ނުލާ ނުއުޅެވޭ ދަރަޖައަށް ގޮސް، ޑޮކްޓަރުގެ ބޭސް ސިޓީއާއި ނުލާވެސް އެފަދަ ބޭސްތައް ބޭނުންކުރެވޭ ގޮތް ވުމެވެ.

އަރޯރާ، ބީއެމްސީ ނެފްރޮލޮޖީގައި ދިރާސާއެއް އާންމުކުރައްވާފައިވާ، އެމެރިކާގައި މަސައްކަތްކުރައްވާ ނެފްރޮލޮޖިސްޓެއް ކަމަށްވާ ޑރ ޕްރަދީޕް ވިދާޅުވި ގޮތުގައި މިފަދަ އެންޓަސިޑް ބޭސްތައް އެންމެ ގިނަވެގެންވެސް ބޭނުން ކުރަންވަނީ 8 ހަފުތާގެ މުއްދަތަށެވެ. އެއަށްވުރެ ގިނަ ދުވަހަށް އެ ބޭސް ބޭނުންކުރާ ކަމުގައި ވަނީ ނަމަ ކިޑްނީ މަސައްކަތްކުރާ ގޮތާ، ހަށިގަނޑުގައި މެގްނީޒިއަމް އެކުލެވޭ މިންވަރު ގަވައިދުން މޮނިޓާ ކުރަމުން ދިއުން ލާޒިމު ކަމަށްވެސް ޑރ އަރޯރާ ވަނީ ވިދާޅުވެފައެވެ.