18 އަހަރުން ދަށުގެ ކުޑަކުދިންނަށް ޗައިނާގައި ދެން ވީޑިއޯ ކުޅެވޭނީ ވަކި ގަޑިތަކެއް ގައި ކަމަށާ، އެ ނޫން ގަޑިތަކުގައި ވީޑިއޯ ގޭމް ނުކުޅެވޭނެކަމަށް ކަނޑައަޅާ ކާފިއު އިއުލާންކޮށްފިއެވެ.
ޗައިނާގެ ސަރުކާރުން ގެނައި މި ބަދަލާއެކު، 18 އަހަރުން ދަށުގެ ކުދިން ވީޑިއޯ ގޭމް ކުޅުން މަނާ ގަޑިތައް ކަމުގައި ކަނޑައަޅާފައިވަނީ ރޭގަނޑު 10:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 08:00 އާއި ހަމައަށެވެ. އަދި ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ވީޑިއޯ ގޭމް ކުޅެވޭނީ އެންމެ ގިނަ ވަގެންވެސް 90 މިނެޓަށް ކަމަށާ، ހަފުތާ ބަންދުތަކާ އާންމު ބަންދު ދުވަސްތަކުގައި އެންމެ ގިނަވަގެން ވީޑިއޯ ގޭމް ކުޅެވޭނީ 3 ގަޑިއިރުގެ ވަގުތަކަށް ކަމަށްވެސް ޗައިނާގައި ތަންފީޒު ކުރަން ފެށި ކާފިއުގެ އުސޫލުތަކުގައި ވަނީ ބަޔާންކޮށްފައެވެ.
މި ފިޔަވަޅަކީ ވީޑިއޯ ގޭމަށް ހިފާފައިވާ ގަދަ ދެވީގެ ސަބަބުން ކުދިންގެ ސިއްހަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަގުސަދުގައި ޗައިނާއިން އެޅި ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ.
ޗައިނާ ސަރުކާރުން އެކުލަވާލި އާ ގައިޑްލައިން ބުނާ ގޮތުގައި، ކުޑަކުދިންނަށް ވީޑިއޯ ގޭމް ކުޅުމަށް ހަރަދުކުރެވޭނެ ވަކި މިންވަރެއްވެސް ވަނީ ކަނޑައަޅާފައެވެ. އުމުރުން 8-16 އަހަރާ ދެމެދު ކުދިންނަށް ވީޑިއޯ ގޭމްގެ އެކި ކަންކަމަށް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ހޭދަކުރެވޭނީ 200 ޔުއާން ނުވަތަ 29 އެމެރިކާ ޑޮލަރެވެ. 16- 18 އަހަރާ ދެމެދު ކުދިންނަށް މަހެއްގެ މައްޗަށް އެންމެ ގިނަވަގެން ހަރަދު ކުރެވޭނީ 400 ޔުއާން ކަމުގައިވެސް މި ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވީޑިއޯ ގޭމަށް ބޮޑު ބާޒާރެއް އޮތް ގައުމެކެވެ. ނަމަވެސް ވީޑިއޯ ގޭމްތަކުގެ ސަބަބުން ޅަ ކުދިންނަށް ނޭދެވޭ އަސަރު ކުރާކަމަށް ބުނެ އެގައުމުން ވަނީ ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒުކޮށްފައެވެ.
ކަންމިހެން އޮތްއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވަނީ ވީޑިއޯ ގޭމަށް ދެވި ހިފުމަކީ ނަފްސާނީ ބަލިމަޑުކަމެއް ކަމުގައި ކަނޑައަޅާފައެވެ. މިކަމަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި މިހާރު ދަނީ ޕްރައިވެޓް ކްލިނިކްތައްވެސް ހިންގަމުންނެވެ.