ސައުދީގެ ޝާހީ އާއިލާއަށް ފާޑުކިއުންތައް އަމާޒުކޮށް ޓްވިޓާގައި ޕޯސްޓްކުރާ ފަރާތްތަކަށް ފާރަލާ، ސައުދީ އަރަބިއްޔާއަށް ޖާސޫސު ކޮށްދެމުން ދިޔަ ކަމުގެ ކުށުގައި އެމެރިކާއިން 3 މީހެއްގެ މައްޗަށް ދައުވާ ކުރަމުން އަންނަ ކަމަށް އެމެރިކާގެ ދާހިލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި 3 މީހުންގެ ތެރޭގައި، ޓްވިޓާ ކުންފުނީގައި ކުރިން މަސައްކަތް ކުރި 2 މީހަކު ހިމެނެއެވެ. މި 3 މީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތެއްގެ ތެރެއިން ދެން ހިމެނޭ އަނެއް 2 މީހުންނަކީ ސައުދީއަށް ނިސްބަތްވާ މީހުން ކަމަށްވެސް އެމެރިކާގެ ދާހިލީ ވުޒާރާއިން މައުލޫމާތުދެއެވެ.

މި 3 މީހުންވެސް މިކަން ކުރަމުން ގޮސްފައިވަނީ ސައުދީގެ ސަރުކާރާ ޝާހީ އާއިލާގެ ނަމުގައި ކަމަށް ދާހިލީ ވުޒާރާއިން ބުނެއެވެ.

އެމެރިކާގެ އެޓާނީ ޑޭވިޑް އެންޑަސަން ވިދާޅުވީ، ސައުދީއަށް ފާޑުކިއާ ފަރާތްތަކާ އެނޫންވެސް ގޮތްގޮތުން ސައުދީއިން ޖެހިލުންވާ ފަދަ ވާހަކަތައް ހިއްސާކުރި އެތައް ހާސް މީހުންނެއްގެ ޒާތީ މައުލޫމާތު، ޓްވިޓާގެ އެތެރޭގެ ނިޒާމުތައް ބޭނުންކޮށްގެން މި އޭޖެންޓުން ސައުދީގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައިވާކަމަށެވެ.

އެމެރިކާގެ ގާނޫނު އެކުލަވާލެވިފައިވަނީ ބޭރުގެ ފަރާތްތަކުން ހިންގާ މިފަދަ ގައިރު ގާނޫނީ އަމަލުތަކުން އެމެރިކާގެ ކުންފުނިތަކަށް ހިމާޔަތް ލިބޭ ގޮތަށް ކަމަށާ، ބޭރު ގައުމެއްގެ ނާޖާއިޒު ނުފޫޒު މިފަދަ ގޮތަކަށް އެމެރިކާގެ ކުންފުންޏެއްގެ މައްޗަށް ބޭނުން ކުރިޔަ ނުދެއްވާނެ ކަމަށްވެސް އެންޑަސަން ވަނީ ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާއިން ހިންގި ޣައިރު ގާނޫނީ އަމަލަކާ ގުޅިގެން އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލާފައި މިވަނީ، ސައުދީގެ ޝާހީގެ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް އެމެރިކާގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި، އެމެރިކާއާއި ސައުދީގެ ގުޅުން ހިސާބަކަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.