2 ލައްކަ ރުފިޔާގެ ފައިސާގެ މުއާމަލާތަކާ ގުޅިގެން ހައިލަމްގެ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު 200،000 ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން އިއްޔެ އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ޓްރާންސެކްޝަން ހިންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި ހައިލަމްއާ ދެމެދު ކަމަށްވެސް ބަޔާނުގައި ވެއެވެ. މީގެ އިތުރުން އެކަމަކީ ފަނޑިޔާރަކާއި ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއް ކަމަށް ވާތީ މިއަދު އެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެ މައްސަލަ އެމްއެމްއޭއިން ފުލުހުންގެ ސަމާލުކަމަށް ގެންގޮސްފައި ވީ ނަމަވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެ މައުލޫމާތު ޖޭއެސްސީއާ ހިއްސާ ކޮށްފައި ނުވާތީއާ އަދި އެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު ފުލުހުން މިއަދާއި ހަމައަށްވެސް އަޅާފައި ނުވާ ކަމަށް ގަބޫލު ކުރެވޭތީ އެކަން ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ހުށަހެޅުމަށްވެސް މިއަދު ނިންމާފައިވާ ކަމަށެވެ.

ގާޒީ ހައިލަމްއާ ގުޅޭ އިތުރު މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރަމުން ދާއިރު ގާޒީ ހައިލަމް އިއްޔެ އެ ކޮމިޝަނުން ވަނީ ސަސްޕެންޑު ކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ކްރިމިނަލް ކޯޓު މުވައްޒަފުންތަކެއް ތިބޭ ގްރޫޕަކަށް ފޮނުއްވި އިރު އެ ތަހުނިޔާގެ މެސެޖުގައި ކުރަހާފައިވާ ފޮޓޯގައި ރައީސް ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސްގެ ކަރުފުޅުގައި ޗޭނު އަޅުވާފައިވާތީ އެއީ ފަނޑިޔާރެއްގެ ކިބައިން ފެންނަން ނުޖެހޭ ފަދަ މަންޒަރެއް ފެނުމުން ކަމަށް ބުނެ ޖޭއެސްސީން އެ މައްސަލަ ބެލުމަށްފަހުއެވެ.

ގާޒީ ހައިލަމްގެ ސަސްޕެންޑު ކުރުމުން ކްރިމިނަލް ކޯޓު ހިންގުން ވަނީ ވަގުތީ ގޮތުން ގާޒީ އަލީ ރަޝީދާއި ހަވާލުކޮށްފައެވެ.