ހޯލްސޭލްކޮށް މުދާ ވިއްކުމަށް ހާއްސަ މޯބައިލް އެޕެއް ތައާރަފް ކޮށްފިއެވެ.

މިއަދު ހެނދު ތައާރަފްކުރި ސަޕްލައި އެމްވީ އަކީ މިދިޔަ އަހަރަު އުރީދޫ މޯލްޑިވްސް އިން ހިންގި "ނިރު އެކްސެލިރޭޓާ" ޕްރޮގްރާމުގެ ސްޓާޓަޕް ކުންފުޏެއް ކަމަށް ވާ ބީޓޫބީ މޯލްޑިވްސް އިން ދައްކާލި ސަޕްލައި އެމްވީގެ އެޕްލިކޭޝަނެވެ.

މިއަދު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަޕްލައި އެމްވީއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ރާއިދު ވަލީދު ވިދާޅުވީ އެ ޕްލެޓްފޯމުގެ މައިގަނޑު އެއް މަގުސަދަކީ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް މާލޭގެ ބޮޑެތި ސަޕްލަޔަރުން ވިއްކާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، ބަލްކް ކޮށް މުދާ ގަތުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

ސަޕްލައި.އެމްވީ ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ސަޕްލައި.އެމްވީ" އަކީ ހޯލް ސޭލް ކުރާ ފަރާތްތަކުގެ މުދާ ގަނެ ވިއްކުމަށް ހާއްސަ އޮންލައިން ޕްލެޓްފޯމެއް ކަމަށާއި މި ކުންފުނި ލޯންޗްކުރިއިރު، އެ ޕްލެޓްފޯމުގައި 36 ކުންފުންޏަކުން ގާތްގަނޑަކަށް 2600 ޕްރޮޑަކްޓް މިހާރު ވެސް ވަނީ ލިސްޓުކޮށްފައި ކަން ރާއިދު ފާހަގަ ކުރެއްވިއެވެ. އަދި 80 އަށް ވުރެ ގިނަ ކުންފުންޏާއި އިތުރު 10000 އަށްވުރެ ގިނަ ޕްރޮޑަކްޓް ލިސްޓް ކުރަން ތައްޔާރުވެފައި ވާ ކަމަށްވެސް ރާއިދު ފާހަގަ ކުރެއްވިއެވެ.

މިކަން ފާހަގަކޮށް އުރީދޫއިން ވަނީ މިއަދު މި އެޕް ލޯންޗުކުރުމަކީ އެ ކުންފުންޏަށް ލިބުނު ފަހުރެއް ކަން ފާހަގަކޮށްފައެވެ. އަދި އުރީދޫން ވަނީ ސަޕްލައި އެމްވީ އުފެއްދެވި ފަރާތަށް މަރުހަބާ ދަންނަވާފައެވެ.