ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު، ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވައިފިއެވެ.

ނާޒިމް ވިދާޅުވީ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އިސްތިއުފާ ދެއްވީ ސިޔާސީ މަސްރަހުގައި ޖުމްހޫރީ ޕާޓީ އަށް އައި ބަދަލުތަކާއި ޕާޓީގެ މިސްރާބު ހުރި ގޮތުން ހިތްހަމަނުޖެހުންތަކެއް ހުރެގެން ކަމަށާއި، މި ވަގުތު ޕާޓީގެ މަސައްކަތްތަކުގައި އުޅެން ދަތިތަކެއް ހުރުމުން، އެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

އަދި ރޭގެ ޖަލްސާގައި ވަނީ ގާސިމްގެ އެޑްވައިޒަރަކަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ހަމަޖައްސާފައެވެ. ޕާޓީ ބޮޑު ކުރުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނަ އިރު، އިސް ސަފުގައި މިހާރު ތިއްބެވީ ޕީޕީއެމްގައި އުޅުއްވި، ކުރިން ރައީސް އަބްދުﷲ ޔާމީންގެ އަރިސް މެމްބަރުންތަކެކެވެ.

ގާސިމްގެ އެޑްވައިޒަރު ކަމުން ނާޒިމް އިސްތިއުފާދެއްވީ ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ދުވަސްތަކަކަށް ފަހުއެވެ.

ޖޭޕީން މެންބަރުން އިތުރުކުރަން ސިލްސިލާކޮށް ބާއްވާ ޖަލްސާތާކުގައި ވެސް ނާޒިމް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.