މި ސަރުކާރުން ކުރާ މަސައްކަތްތައް "ސްލޯ" ވެގެންނޭ ކިޔައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައްޓާލަން މަސައްކަތް ކުރެއްވިއަސް އެކަން ނުކުރެއްވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ޖުމުހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ކުރެއްވި ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން އަނަން އަހަރުގެ ބަޖެޓަށް 37 ބިލިއަން ރުފިޔާ ހުށަހެލުއްވުމުން އެކަންވެސް އެމްޑީޕީގެ ބައެއް މެންބަރުންނަށް ބަލައިނުގަނެވުނު ކަމަށެވެ.

ސަރުކާރުން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ވަރު ލަސްވެގެން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނީ މިނ ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ކަމަށާއި އެކަން ކާމިޔާބު އެހެން ނުކުރެއްވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމަށްޓަކާ އެމަނިކުފާނު ބަޖެޓެއް ހުށަހެޅުއްވި. 37 ބިލިއަން ރުފިޔާ. ހުށަހެޅުއްވީމާ އެމްޑީޕީ ބޭފުޅުންނަށް ކަންބޮޑުވެއްޖެ. ކީކޭތޯ ބުނާނީ ކޮން ވާހަކައެއްތޯ ދައްކާނީ. ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައި ހުރި ވައުދުތަކާ އެއްޗެހި ހާސިލް ވިޔަ ނުދޭންވެގެން ސަރުކާރުން މަސައްކަތްކުރާވަރު ސްލޯވެގެންނޭ ، މާލަހޭ ކިޔައިގެން މިވާހަކަ ދައްކައިގެން ތަޅުވައި ފޮޅުވައިގަނެގެންވެސް ގަހެއްގަ އިންނަ އަނބު ބިނދެލާހެން ރައީސުލް ޖުމްހޫރިއްޔާ ވައްތައިލަން، ބަލަ އެހެނެއް އެކަމެއް ނުވާނެ."
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

މިއަދުގެ ރައީސް ސޯލިހް ވެރިކަމަށް އައީ ޖޭޕީގެ މަސައްކަތުންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ވެރިކަމާ ހަވާލުވެ އަނިޔާ ލިބެމުން ދިޔަ ހުރިހާ އެންމެން މިހާރު އަނިޔާތަކުން ސަލާމަތްވެ މިހާރު އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދުމާ ދިމާއަށް ދާއިރު ލަސްވެގެންނެ ކިޔައިގެން ބައެއް މެންބަރުން އުޅުއްވާ ކަމަށެވެ. މިހާރު 37 ބިލިއަން ރުފިޔާ ބަޖެޓަށް ހުށަހެޅީމައި ކަމަކު ނުދިޔަ ކަމަށާއި އޭރު 20 ބިލިއަން ރުފިޔާ ބަޖެޓަށް ލިބުނީމަ އެގޮތްވެސް ކަމު ނުދިޔަ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިހާރު 37 ބިލިއަން ރުފިޔާއަށް ބަޖެޓު ހުށަހެޅީމާވެސް ކަމަކު ނުދިޔަ. 20 ބިލިއަން ރުފިޔާ ލިބުނީމާވެސް ކަމަކު ނުދިޔަ. ދަންނަވަންތޯ، 5 ބިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހެޅިގެން ދިޔައީ 2005 ވަނަ އަހަރު. ރައީސް މައުމޫނުގެ ވެރިކަމަށް 27 އަހަރު ދުވަހުގެ ތެރޭގައި 5 ބިލިއަނާހަމައަށް އާދެވުނީ އެއީ ބެލެންސް ބަޖެޓެއް. އޭގެ މާނައަކީ ޑެފިސިޓެއްވެސް ނެތް. ސަރޕްލަސްއެއްވެސް ނެތް."
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

މީގެ އިތުރުން، ގާސިމް ވިދާޅުވީ، ދިވެހި އާބާދީ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށާއި ހީކުރާވަރަށްވުރެ މާބާރަށް އާބާދި އިތުރުވަމުން ދާ ކަމަށެވެ. އެހެންކަމުން މީހުންގެ ބޭނުންތައް ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާނެ ކަމަށާއި ރައީސް އަންނަ އަހަރަށް ހުށަހެޅުއްވި 37 ބިލިއަން ރުފިޔާގެ ބަޖެޓަކީ އެގޮތަށް ބައްލަވާފައި ހުށަހެޅުއްވި ބަޖެޓެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމްޑީޕީން އޭރުވެސް އިޙުތިޖާޖުކުރި ފަދައިން މިއަދުވެސް އެބޭފުޅުން ގެންދަވަނީ އެ ބަޖެޓާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކަމަށް ގާސިމް ވިދާޅުވިއެވެ.