ދަތުރެއްގެ މަތީގައި ވަނިކޮށް ކުށްލިއަކަށް ޑިކޮމްޕްރެޝަންގެ ހާލަތަށް ފަސެންޖަރުން ތިބޭ ކެބިންތަކުގެ ހާލަތު ބަދަލުވެއްޖެ ހިނދެއްގައި، ބޮއިންގް 787 ޑްރީމްލައިނާ މަތިންދާ ބޯޓުތަކުގައި އޮކްސިޖަން ފޯރުކޮށް ނުދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނީގެ ބޯޓުތަކުގެ ކޮލިޓީ ކޮންޓްރޯލް އިންޖިނީއަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރިން ޖީން ބާނެޓް ބުނެފިއެވެ.
ޖޯން ބާނެޓް ބުނީ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު ބޯޓުގައި ހުރި އޮކްސިޖަން ނިޒާމުތަކުގެ 4 ބައިކުޅަ 1 ބައި ނިޒާމުގައި މައްސަލަ އުޅުން އެކަށީގެންވާއިރު، ބޭނުންޖެހޭ ވަގުތުތަކުގައި އެއް ގޮތަކަށްވެސް މަސައްކަތް ނުކުރުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ.
މައްސަލަ ޖެހިފައިވާ ނިޒާމުތައް ބޯޓުތަކުގައި ހަރުކުރީ ބޮއިންގްގެ ކާރުހާނާއެއްގައި ކަމަށާ، އެކަން ކޮށްފައިވަނީ ގަސްތުގައި ކަމަށްވެސް ބާނެޓް ވަކާލާތު ކުރެއެވެ.
ކަންމިހެން އޮތްއިރު ބޮއިންގްއިން ވަނީ ބާނެޓްގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އެކުންފުނީގެ ބޯޓުތަކަކީ ސަލާމަތީ ގޮތުން އެންމެ ފެންވަރު ރަނގަޅު ބޯޓުތަކެއް ކަމަށްވެސް ބޮއިންގް ކުންފުނިން ދަނީ ވަކާލާތު ކުރަމުންނެވެ.
މި ދަނޑިވަޅަކީ ވައިގެ އުދުހުންތަކުގެ ތާރީހު ދުށް ހިތާމަވެރި 2 ހާދިސާއަކާ ގުޅިގެން ބޮއިންގް ކުންފުންޏަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.
ބޮއިންގް ކުންފުނީގެ އެންމެ ޒަމާނީ އެއް މަތިންދާ ބޯޓު ކަމަށްވާ 787 ޑްރީމްލައިނާއާއި ގުޅިގެން ސަލާމަތީ ގޮތުން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރިކަން ހާމަކޮށްފައިވާ ބާނެޓްއަކީ 32 އަހަރު ދުވަސް ވަންދެން ބޮއިންގް ކުންފުނީގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ސިއްހަތު ތަން ނުދިނުމުގެ ސަބަބުން 2017 ވަނަ އަހަރުގެ މާޗް މަހު އޭނާ ވަނީ ބޮއިންގް ކުންފުނިން ރިޓާޔާކޮށްފައެވެ.
2010 ވަނަ އަހަރުން ފަށައިގެން ބާނެޓް މަސައްކަތްކޮށްފައިވަނީ ސައުތު ކެރޮލައިނާގައި ހުންނަ ބޮއިންގްގެ ކާރުހާނާގައި ކޮލިޓީ މެނޭޖަރެއްގެ ގޮތުގައެވެ. މިއީ ބޮއިންގްގެ ފަޚްރެއްގެ ގޮތުގައި އެކުންފުނިން ސިފަކުރަމުން އަންނަ ޑްރީމްލައިނާ އުފެއްދި 2 ކާރުހާނާގެ ތެރެއިން 1 ކާރުހާނާއެވެ.
ބާނެޓް ބުނާ ގޮތުގައި ބޮއިންގްގެ ބޯޓުތައް ކާރުހާނާތަކުން ނެރެ، ވައިގެ އުދުހުމުގައި ބޭނުން ކުރުމަށްޓަކައި ބޮއިންގް ކުންފުނިން ގުރުބާން ކުރީ އޭގެ ސަލާމަތީ ފީޗާތަކެވެ.
ބާނެޓް ބުނާ ގޮތުގައި މިފަދަ މައްސަލައެއް އުޅޭކަން އޭނާއަށް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލަ ފާހަގަކުރެވުނީ އެމާޖެންސީ އޮކްސިޖަސް ސިސްޓަމުންނެވެ. ބޯޓު ދަތުރުކުރަމުންދާ އުސްމިނަށް ބަލާ، ބޯޓުގެ ޕްރެޝަރާ އެއް މިންވަރެއްގައި ހިފަހައްޓަން ފެއިލްވެއްޖެ ހިނދެއްގައި ފަސެންޖަރުންގެ ފުރާނަ ސަލާމަތްކުރުން ގުޅިފައި އޮންނަނީ މި އޮކްސިޖަން ޓޭންކާއެވެ. ކޮންމެ ފަސެންޖަރެއްގެ ބޮލާ ދިމާލުން އޮކްސިޖަން މާސްކުތައް ފައިބާއިރު މި މާސްކުތައް ގުޅިފައި ހުންނަނީ އޮކްސިޖަން ސިލިންޑަރަކާއެވެ.
އެކަށީގެންވާ ގޮތަކަށް މި ނިޒާމު މަސައްކަތް ނުކޮށްފިނަމަ ފަސެންޖަރުންގެ ފުރާނަ ގެއްލިދިއުން އޮންނާނީ މާ ދުރަކު ނޫނެވެ. އާންމުކޮށް މަތިންދާ ބޯޓުތައް އުދުހެމުންދާ އުސް މިނުގައި ކުށްލިއަކަށް ޑިކޮމްޕްރެސް ވުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް މިފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގާފައި އެބަހުއްޓެވެ.