ޖުމްހޫރީ ޕާޓީގެ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް އޭނާ ހުންނަވާނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ ޖޭޕީ ޖަލްސާގައި އޭނާ ބައިވެވަޑައިގަތުމުން އެކަމާ ބައެއް މީހުން ފާޑުކިޔަމުން ދަނިކޮށެވެ. އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ ނަޝީދު ޖޭޕީގެ ޖަލްސާގައި ބައިވެރިވަމުންދާ ކަން ފާހަގަކޮށް ބައެއް މީހުން ތިބީ ނަޝީދު ޖޭޕީއަށް ސޮއިކުރައްވަން އުޅުއްވާ ކަމަށް ހީކޮށެވެ. ނަމަވެސް ރޭގެ ޖަލްސާ ނިމިގެން ދިޔަ އިރުވެސް ނަޝީދު ޖޭޕީއަށް ސޮއިކުރައްވާފައެއް ނުވެއެވެ.

ނަޝީދު ވިދާޅުވީ، ރޭ ޖޭޕީގެ ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދައުވަތަކަށް ކަމަށެވެ. އަދި އޭނާއަކީ އަމިއްލަ ގޮތުން ހޮވުނު މިނިވަން މެންބަރެއް ކަމަށާއި އިރާދަކުރެއްވިއްޔާ މި ދައުރު ނިމެންދެން ހުންނާނީ އެ ގޮތުގައި ކަމުގެ ޔަގީންކަން ނޮޅިވަރަމް ދާއިރާގެ ރައްޔިތުންނަށް ދެއްވާކަމަށެވެ.

https://www.facebook.com/mohamed.nasheedabdulla.9/posts/121675549252584

ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ނަޝީދަކީ އުތުރުގެ އަތޮޅުތަކުން އައި މެންބަރުންގެ ތެރެއިން އަމިއްލަ މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގެން މެންބަރެވެ. އުތުރުން ދެން ހުރީ ހުސް އެމްޑީޕީގެ މެންބަރުންނެވެ. ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް އަޑުއުފުއްލަވާ ވާހަކަ ދައްކަވާ މެންބަރުންގެ ތެރެއިން މެންބަރެކެވެ.

އިއްޔެ ބޭއްވި ޖަލްސާގައިވެސް މަޖިލިސް ތެރެ ހޫނުވެގެން ދިޔަ އިރު ނަޝީދު ވަނީ ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެން މަޖިލިސް ތެރޭގައި ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެމްޑީއެން މައްސަލާގައި ނަޝީދު ވަނީ ރައީސް ޞޯލިހަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިމައްސަލާގައި މަޖިލިސް އަށް ކުއްލި މައްސަލަ އެއްވެސް ނަޝީދު ހުށައެޅުއްވިއެވެ.