ޕާކިސްތާނުގެ އެންމެ ފަގީރު އެއް ސަރަހައްދުގައި ދިރިއުޅެމުންދިޔަ ނާތޫ ބާއީއާއި ވީރޫ ބާއީ އަމިއްލައަށް މަރުވި މައްސަލަ މިހާރު އޮތީ ފުލުހުން ތަހުގީގު ކުރަމުންދާ ކަމެއްގެ ގޮތުގައެވެ.

މަރުވި ދެބެން އިނދެގެން އުޅުނީވެސް ދަނޑިވެރި ކަމުގެ މަސައްކަތުގައި އުޅުނު ދެބެންނާނއިއެވެ. ވީރޫ ބާއީއަކީ ކުޑަ ދަރިއެއްގެ މަންމައެއްވެސް މެއެވެ. އެމީހުންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ދިރިއުޅެމުންދިޔަ ދަނޑު ތެރެއިންނެވެ.

މި ދެބެން އަމިއްލައަށް މަރުވާންޖެހުނު ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އެކަމާ ދެކޮޅަށް ކެމްޕޭން ކުރަމުންދާ ފަރާތްތަކުން ބުނާ ގޮތުގައި އެ ދެބެން ދިރިއުޅެމުންދިޔަ ސަރަހައްދަކީ އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނަ ސަރަހައްދެކެވެ.

ޕާކިސްތާނުގެ ދެކުނުގައި އޮންނަ ތާރް ހަނަފަސް ސަހަރާގެ ސަރަހައްދަކީ ގުދުރަތީ ވަސީލަތްތައް މުސަނދި ސަރަހައްދެކެވެ. ނަމަވެސް އެއީ ޕާކިސްތާނުގައި މިއަދު އޮތް އެންމެ ފަގީރު ސަރަހައްދޭވެސް ދެންނެވިދާނެއެވެ.

ދެބެން އަމިއްލައަށް މަރުވި ސަބަބު ހޯދުމަށް މަސައްކަތްކުރަމުންދާ ފުލުހުންގެ އިދާރާގެ ޗީފް އިންސްޕެކްޓަރެއް ކަމަށްވާ ކަބީރު ހާން ވިދާޅުވީ މިއީ ދަނޑުގޮވާން ކުރަމުންދާ މޫސުން ކަމުން، އެމީހުން މަރުވީ ބަނޑަށް ޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އާދަޔާ ހިލާފަށް ބުރަކޮށް މަސައްކަތްކުރަންޖެހުމާ އެނޫންވެސް އެފަދަ ލާއިންސާނީ މައްސަލަތަކެއް މިކަމުގެ ތެރޭގައި އުޅުން އެކަށީގެންވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަރުވި ދެބެންނާ ގުޅޭ ބައެއް ވާހަކަތައް އެނގޭ މީހުން ކިޔައިދިން ގޮތުގައި އެ ދެބެންގެ މަރުގެ ފަހަތުގައި ގެވެށި އަނިޔާގެ އަތެއްވުން އެކަށީގެންވެއެވެ. ސީދާ ޖިސްމާނީ ގޮތުން އަނިޔާތަކެއް ފެންނަން ނެތްކަމުގައި ވީ ނަމަވެސް، މިކަމުގެ ފަހަތުގައި ތިބީ އެ ދެބެން އިނދެގެން އުޅުނު ދެބެންނާއި އެ 2 ފިރިހެނުންގެ ބައްޕަ ކަމަށްވެސް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

2019 ވަނަ އަހަރު ނިމިގެންދާއިރު ތާރް ސަހަރާ ސަރަހައްދުން 59 މީހަކު އަމިއްލައަށް މަރުވިކަމަށް ރެކޯޑްތަކުން ދައްކައެވެ. މީގެ ތެރޭގައި 38 އަންހެނަކާ 2 ކުޑަކުދިންވެސް ހިމެނެއެވެ. 2018 ވަނަ އަހަރުވެސް 198 މީހަކު އަމިއްލައަށް މަރުވި ކަމަށް މަދަނީ ޖަމިއްޔާއެއް ކަމަށްވާ އެވެއާ އޯގްގެ ރެކޯޑްތަކުން ދައްކައެވެ.

މައިގަނޑު ސަބަބަކަށް ވެފައި އޮތީ އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުގެ އިތުރުން، މައިން ކުރުމުގެ މަސައްކަތުގެ ސަބަބުން އާއިލާތައް ދެތަން ވާންޖެހުމެވެ. ހަމަ މިއާއެކު ނާޒުކު ހާލުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދިއުމަކީވެސް ޕާކިސްތާނުގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ސަބަބެއް ކަމަށް، އަމިއްލައަށް މަރުވާ މީހުންގެ އަދަދު ދަށްކުރުމަށް ކެމްޕޭން ކުރަމުންދާ ފަރާތްތަކުން ވަކާލާތު ކުރެއެވެ.