"އިއްޒުއްދީން ސްކޫލު"ގެ ނަމުގައި މާލޭގައި އާ ސްކޫލެއް ހުޅުވަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

މާލެގައި އާ ސްކޫލެއް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ މާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ސްކޫލް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކަމަށެވެ.

މި ސްކޫލް ހިންގުމަށް މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތް ހަމަޖައްސާފައި ވާއިރު، މިއީ ގްރޭޑް 1 އިން 10 އާ ހަމައަށް ކިޔަވައިދޭ އެއްދަންފަޅި އަށް ކިޔަވައިދޭ ސްކޫލެކެވެ. ނަމަވެސް، 2020 ވަނަ އަހަރު މި ސްކޫލުން ކިޔަވައިދޭނީ ގްރޭޑް އެކަކުން ގްރޭޑް ހައަކަށެވެ. ގްރޭޑް ހަތަކުން ގްރޭޑް 10 އަށް ގްރޭޑްތައް ތައާރަފްކުރާނީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެއް ގްރޭޑް އިތުރުކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޒުއްދީން ސްކޫލަށް ކުދިން ވެއްދުމުގައި އަމަލު ކުރާނީ މާލޭގެ އެހެން ސްކޫލްތަކަށް ވެސް ކުދިން ވެއްދުމުގައި އަމަުކުރާ އުސޫލާ އެއްގޮތަށް ކަމަށެވެ. އަދި އިއްޒުއްދީން ސްކޫލަށް ގްރޭޑް ދޭކުން ގްރޭޑް ހައަކާއި ދެމެދުގެ ގްރޭޑްތަކުގެ ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން އެ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ޖާގައަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.