މިހާރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތް ގޮތާއި އަދި އެ ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް ކުރުން މިއަދު މެންދުރަށް ތާވަލު ކޮށްފައި ވަނިކޮށް، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށް، ހުކުމް ކުރުން ކެންސަލްކުރުމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީން، ގާޒީ ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައި އެ ކޮމިޝަނުން ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި މިއަދު ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން ވަޑައިނުގަތުމުންނެވެ. ހައިލަމް ޖޭއެސްސީއަށް ވަޑައިނުގެންނެވީ، ކަން ހިނގި ގޮތް ނޫސް ބަޔާނަކުން ހާމަކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވެ އުޒުރު ވެރިވެ ވަޑައިގަތުމަށް ފަހުއެވެ.
މިއަދުގެ ޝަރީއަތް ކެންސަލްކުރުމާ ގުޅިގެން، ޑރ. ޖަމީލް ވަނީ ޖޭއެސްސީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ޖޭއެސްސީގައި މިހާރު ތިބި ފަރާތްތައް ތިބެގެން ރައީސް ޔާމީނަށް އިންސާފު ލިބިވަޑައިނުގަންނަވާނެ ކަން ފާހަގަ ކުރައްވަމުން ޑރ. ޖަމީލު ވިދާޅުވީ، ޖޭއެސްސީގައި މިހާރު ތިބި ފަރާތްތަކީ ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިން ކަމަށެވެ. އެގޮތުން އެ ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންނަވާކަމާއި، އެމަނިކުފާނުގެ ނުފޫޒުއޮތް ތަނަކުން ރައީސް ޔާމީނަށް އިންސާފު ލިބި ވަޑައިނުގަންނަވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ކޯޓުތަކުގެ ގާނޫނުގައި ރާއްޖޭގެ އެއްވެސް ހާލަތެއްގައި ޝަރުއީ ނިޒާމު އަދި ޖުޑިޝަރީގެ ނިޒާމުގެ ބެލެނިވެރި ފަރާތަކީ ޖޭއެސްސީއެއް ނޫން ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް، މިދިޔަ ދުވަސްތަކުގެ ތެރޭގައި ޖޭއެސްސީން ތަކުރާރުކޮށް ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ތެރެއާއި އެހެނިހެން ކޯޓުތަކުގެ އިހްތިސާސްތަކުގެ ތެރެއަށް ވަދެފައިވާ މަންޒަރު ފެނިގެން ދިޔަކަމަށެވެ. އަދި ފަނޑިޔާރުން ނިންމާ ނިންމުމާ ކުރައްވާ ހުކުމްތަކާ ގުޅިގެން އެެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ ބާރެއް ޖޭއެސްސީއަށް ވެސް އަދި އެހެން އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާ ކަމަށް ވެސް ޑރ. ޖަމީލް ވަނީ ފަނޑިޔާރުންގެ ގާނޫނަށް ހަވާލާ ދެއްވައި ވިދާޅުވެފައެވެ.
ޑރ. ޖަމީލް ވިދާޅުވީ، މިނިވަން އިންސާފުވެރި އަދުލުގެ ނިޒާމެއް ގާއިމު ކޮށްދޭނެ ކަމަށް މި ސަރުކާރުން ވައުދުވެފައިވީ ނަމަވެސް މިހާރު އެ ވައުދު މާނަ ކުރެވެނީ ސަރުކާރުން ފަނޑިޔާރުގޭގެ ކޮންޓްރޯލް ނަގާނެ ނިޒާމެއް ގާއިމް ކުރުން ކަމުގައެވެ.
ކަށަވަރު %1000 ތެދު
އަހަރެމެން ދިވެހިން ހަމަހޭ އަރާނީ ކޮންދުވަހަކުންބާ؟ އިސްލާމް ދީނަށް މާތްނަބިއްޔާއަށް ބަދުބަސް ބުނެ ހިތު ހުރިހާ އެއްޗެއް ލިޔެ ރިޕޯޓް ނެރުނު ޖަމިއްޔާ އާއި އެކަމުގައި ޝާމިލުވި މީހުންގެ ކަންތަށް މިސަރުކާރަކަށް އެމްޑީޕީ އަކަށް އަދި ކޯލިޝަންގެ ބައިވެރިންނަކަށް އެއްވެސް ކަމަކަށްނުވި، ވަގުތުން ފަޔަށް ހިނިއަރައިގެން ފިޔަވަޅެއް ކީއްކުރަން ދެވުނު އަދަބެއްވެސް ނެތް، އަދިވެސް މީގެން ބައެއް މީހުން އެތިބީ ސަރުކާރުގަ، ދައުލަތުގެ މީޑިއާއިން “މާތްވި އިސްލާމް ދީނާ ޤައުމަށްޓަކާ ހިނގާށެދާން މިޖާނު ދޭން” މިލަވަ ދެއްކުން މަނާކޮށްފި، ސަލަފު ޖަމިއްޔާއަށް ފުރުޞަތު ނުދޭން އެންގި، ސަރުކާރު ގެ ރުހުން އޮތް ވަކި ދީނީ ޢިލްމުވެރިންނަށްނޫނީ ދައުލަތުގެ މީޑިއާއަށް ނާރުވާން އެންގި، މިލިއަނުން ސަރުކާރުން ކޮރަޕްޝަން ހިންގަނީ މިފަދަ އެތަށް ސީރިއަސް މައްސަލައެއް ހުއްޓް ވަގުތުން ވަގުތަށް ގާޒީ ހައިލަމް އަށް ފިޔަވަޅު އެޅިއްޖެ. އަހަރެމެންނަށް ހަމަ ހޭވެރިކަން ވާނީ ވަގުތު ފާއިތުވުމުންތަ؟ ސިޔާސީ ލީޑަރުންނަށް މިކަން ކަން ރަނގަޅުކުރަން މަސައްކަތް ކުރެވޭނީ ހަމަ ކޮންމެވެސަ ޕާޓީއެއްގެ ލީޑަރުކަން ދިނީމަތަ؟ އަހަރެމެން މީ އަޅެ ފަހެ ކޮންކަހަލަ ބައެއްތަ؟ ކޮންކަހަލަ މުސްލިމުންނެއްތަ؟ ކޮންކަހަލަ ދީނީ ޢިލްމުވެރިންނެތްތަ؟ ވެރިކަން ބޭނުންވީމަ ދުޢާކޮށްކޮށްފަ ރޮއި ހޭރިފަ ދީން ދިފާޢުކުރާނެ، ވެރިކަން ލިބުނީމަ ވަރިހަމަ މާތްވި އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ނިސްބަތްކޮށް ކޮންމެފަދަ އެއްޗެއް ކިޔަސް ލިޔުނަސް މިމީހުން އަޑަށް ބާރުލާފަ ބުނާނެ “އެމަނިކުފާނު،ޞާލިހު މަނިކުފާނު މިދީން ހިމާޔަތް ކުރާނޭ، ހިކުމަތް ތެރި ބޭކަލެކޭ އެއީ، ޑިއު ޕްރޮސެސްއޭ މުށަވަތްކޭ” ދެން އަހަރެމެން މިމީހުން ދައްކާ ވާހަކަ އަޑުއަހާފަ ވަރުދައްކާފަ ބާރަށް އަތްޖަހަން. ހަމަ އަންތަރީސްވެއްޖެ.