އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ޑިމޮކްރަސީ ނެތިކޮށްލުމަށް ފޭސްބުކް ކުންފުނިން ހިންގަމުންދާ އަމަލުތަކުގެ އަގު އަދާކުރަންޖެހޭ ފަރާތަކީ އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގު ކަމަށް އެމެރިކާގެ ކުރީގެ ހާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ވިދާޅުވެއްޖެއެވެ.

މިފަދަ މޭރުމަކުން ކްލިންޓަން ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ، ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ތަރި ޖަހައިގެން އޮތް ފޭސްބުކް ކުންފުނީގެ އެކައުންޓްތައް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު 3 ވަނަ ފަރާތަކާ ހިއްސާކުރުމުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާ އެކަންކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ނެޓްފްލިކްސްގެ ޑޮކިއުމަންޓްރީ ފިލްމް "ދަ ގްރޭޓް ހެކް" ސްކްރީން ކުރުމަށް ކުރިއަށްދިޔަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޭސްބުކްއިން ހިންގި މި ޖަރީމާއަކީ 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ ރޭހުގައި ކްލިންޓަން ވާދަކުރައްވަމުން ގެންދެވި ރޭހަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި ކަމަކަށްވާއިރު، ކުރިއަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ހަމަ މިފަދަ ކަމެއް ހިނގާފާނެ ކަމުގެ އިންޒާރު ކްލިންޓަން ވަނީ ދެއްވާފައެވެ.

މިހާރުވެސް މިކަމުގެ އިންޒާރު ދޭ ސިގްނަލްތަކެއް ލިބެމުންދާކަމަށް ކްލިންޓަން ވިދާޅުވެފައިވާއިރު، ފޭސްބުކް އިންވަނީ އެ ޕްލެޓްފޯމުގައި ޝާއިއުކުރާ ސިޔާސީ އިސްތިހާރުތަކުގައި އެކުލެވޭ މައުލުމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އެކުންފުނިން އެއްވެސް ވަރެއްގެ މަސައްކަތެއް ނުކުރާނެ ކަން ހާމަކޮށްފައެވެ.

ފަހުގެ ތާރީހަށް ބަލާއިރު ފޭސްބުކް މެދުވެރިކޮށް ދޮގު ޚަބަރު ފަތުރައިގެން ބޮޑެތި ޖާރީމާތައް ހިނގާ، ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ އެތައް އަމަލެއް ވަނީ ހިންގާފައެވެ. އެގޮތުން މިޔަންމާގެ ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔާ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ގަތުލުން އާންމު ހިންގަން މަޖުބޫރުކުރުވުމާ، ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމަށް ފޭސްބުކް މެދުވެރިކޮށް ދައުރުކުރަމުންދިޔަ ދޮގު ޚަބަރުތައް ފާހަގަކުރެވެއެވެ.