ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެއްބަސްވެފައިވާ ސްޕެއިންގެ ސެލްޓާ ވިގޯ ކޯޗުކަމުގެ މަގާމުގައި ހުރި ފްރެން އެސްކުރީބާ މަގާމުން ވަކި ކޮށްފި އެވެ.

އެސްކުރީބާ މަގާމުން ވަކިކޮށްފައިވަނީ ރޭ އަމިއްލަ ދަނޑުގައި ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުން ސެލްޓާ ބަލިވުމުންނެވެ. ފްރެން އެސްކްރިބާ ވަނީ މަގާމުން ވަކި ކުރެވިފައިވާ ކަމަށާ އޭނާއާއި އޭނާގެ ކޯޗިންގް ސްޓާފު ކުލަބަށް ކޮށްދިން ހިދުމަތަށް ޝުކުރުވެރިވާ ކަމަށް އެ ކުލަބުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ސެލްޓާ ވިގޯ ބަލިވީ ގެޓާފޭ އަތުންނެވެ. މިއީ އެ ޓީމު ވިދިވިދިގެން ބަލިވި ހަތަރުވަނަ މެޗެވެ. މި ބައްޔާ އެކު ސެލްޓާ އޮތީ ލީގުގެ 18 ވަނައިގައެެވެ. އެއީ ރެލިގޭޝަން ޒޯނެވެ. މިހާތަނަށް 12 މެޗު ކުޅުނުއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ 9 ޕޮއިންޓެވެ.

އެސްކުރީބާ ސެލްޓާގެ ކޯޗު ކަމާ ހަވާލުވީ މިއަހަރު މާޗް މަހުގެ ތެރޭގައެވެ. ސެލްޓާގެ ކޯޗު މަގާމުން ވަކި ކުރި އިރު ލަލީގާގައި ދެން އެޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ރަށުން ބޭރުގައި ސެލްޓާ ވާދަ ކުރާނީ ޗެމްޕިއަން ބާސެލޯނާއާ އެވެ. އެ މެޗަށް ސެލްޓާއިން ނުކުންނާނީ ރާއްޖޭގެ ސްޕޮންސާޝިޕާ އެކު ޖާޒީގައި ވިޒިޓް މޯލްޑިވްސް ޖަހައިގެންނެވެ.

ސްޕެނިޝް ލީގުގައި ވާދަކުރާ ސެލްޓާ ވިގޯ ޖާޒީގައި ރާއްޖެ އިޝްތިހާރުކުރަން އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ސެލްޓާ ވިގޯގެ ފަރާތުން ސޮއި ކުރީ އެ ކްލަބުގެ ރައީސް ކާލޯސް މޮރީނޯ އެވެ.

މި އެއްބަސްވުމުގެ ދަށުން ސެލްޓާ ވިގޯގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓު ޑެސްޓިނޭޝަންގެ މަގާމުގެ އިތުރުން ކުޅުންތެރިންގެ އޮފިޝަލް މެޗު ޖޯޒީ، ޓްރެއިނިން ޖޯޒީ، ސްޓާފުންނާއި އަދި ޓްރެއިން ސްޓާފުންގެ ޔުނީފޯމުގައި ރާއްޖެ އިޝްތިހާރު ކުރާނެއެވެ.

މީގެއިތުރުން ސެލްޓަވީގޯ މެޗުތަކަށް ދިޔުމަށް ދަތުރުކުރަން ބޭނުންކުރާ ބަހުގައި ވެސް ރާއްޖޭގެ ލޯގޯ ފެންނަން ހުންނާނެއެވެ. އަދި ސެލްޓާގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި ދަނޑުގެ އެއްފަރާތުގައި ހުންނަ ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ވީޑިޔޯތައް ދައްކަމުންދާނެއެވެ.

ރާއްޖެ އިން ސެލްޓާ ވިގޯ އާއެކު ދެމެދު ސްޕޮންސާޝިޕް ހަދާފައިވާ އަގަކީ އަހަރަކު 900،000 އެމެރިކާ ޑޮލަރެވެ.

ނަމަވެސް އެ ކުލަބާ އެކު ބޮޑު އެއްބަސްވުމެއްގައި ސޮއެކުރި ނަމަވެސް ރާއްޖެއަށް މާ ބޮޑެތި ފައިދާތެކެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ނަން މަޝްހޫރު ބޮޑު ކުލަބެއްގެ ސްޕޮންސަރެއް ހޯދުން ބުއްދިވެރި ކަމަށްބުނެ ގިނަ ފަރާތްތަކުން އަންނަނީ ޓޫރިޒަމް މިނިސްޓްރީގެ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.