ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2020ގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވާފައި ވާއިރު، އެ ބަޖެޓުގައި އައްޑޫ ސިޓީއަށް 523 މިލިއަން އަދި ފުވައްމުލައް ސިޓީއަށް 228 މިލިއަން ރުފިޔާ ހަމަޖައްސައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި، އައްޑުއަށް 523 މިލިއަން އަދި ފުވައްމުލަކަށް 228 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، މިއީ އެ ދެ ސިޓީގެ ތަރައްގީއަށް އެކި ދާއިރާތަކަށް ބަހާލާއިގެން ކުރިއަށް ގެންދިއުމަށް ނިިންމާފައިވާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދެވެ. އެގޮތުން، އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށާއި ތިމާވެށި ރައްކާތެރި ކުރުމަށް އަދި ތައުލީމީ ދާއިރާއިން މި ދެ ސިޓީއަށް ފާހަގަކޮށްލެވޭ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުގެ ދާއިރާއިން، އައްޑޫ ސިޓީގެ މަގު ހެދުމަށް 135 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ފުވައްމުލައް ސިޓީގެ މަގު ހެދުމަށް ކަނޑައަޅާފައި ވަނީ 61 މިލިއަން ރުފިޔާއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ފުވައްމުލަކުގެ ގޮޑުދޮށް ހިމާޔަތްކުރުމަށް 82 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އައްޑޫގެ ރީޖަނަލް ވޭސްޓް މެނޭޖްކުރުމަށް 50 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ތައުލީމީ ދާއިރާއިން މާލެއާއި ފުވައްމުލަކުގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް އިންސްޓިޓިއުޝަން ގާއިމްކުރުމަށް 27 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިތުރު 3 ދާއިރާއަކުން ފުވައްމުލަކުގެ ތަރައްގީއަށް 58 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި، ސިއްހީ ދާއިރާއާއި، އިޖުތިމާއީ އަދި ދީނީ ހިދުމަތްތަކުގެ ދާއިރާގެ އިތުރުން، ގެދޮރު އިމާރާތް ކުރުމައި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ހިދުމަތްތަކުގެ ދާއިރާ ހިމެނެއެވެ.
އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުގެ ދާއިރާއާއި ތިމާވެށި ރައްކާތެރި ކުރުމުގެ ދާއިރާގެ އިތުރުން، އިތުރު ހަ ދާއިރާއަކުން އައްޑޫގެ ތަރައްގީއަށް 338 މިލިއަން ރުފިޔާ ހަރަދު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ނިންމާފައިވެއެވެ. އޭގެ ތެރޭގައި، އިޖުތިމާއީ އަދި ދީނީ ހިދުމަތްތަކުގެ ދާއިރާ، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގެ އިތުރުން އަދުލު އިންސާފާއި އަމަންއަމާންކަމުގެ ދާއިރާ އަދި ގެދޮރު އިމާރާތް ކުރުމައި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ހިދުމަތްތަކުގެ ދާއިރާ ހިމެނެއެވެ.
މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ ޑްރާފްޓް ރިޕޯޓެކެވެ. މި ބަޖެޓު ފާސްކުރާނީ މަޖިލީހުން ބަޖެޓް ދިރާސާ ކުރުމަށްފަހުއެވެ.