އެމްއެމްޕީއާރްސީ މައްސަލާގައި މައުލޫމާތު ސާފު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާކަން ފުލުހުން ހާމަ ކޮށްފައިވީ ނަމަވެސް، ހާޒިރުވުމަށް އަންގާފައިވަނީ ކޮން އިރަކު ކަމެއް އަދި މިކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަ ނުކުރެއެވެ. އެގޮތުން، ފުލުހުން ވަނީ މީގެ ކުރިން ވެސް، މި ދުވަސްވަރު އެމްއެމްޕީއާރްސީ މައްސަލާގައި މައުލޫމާތު ސާފު ކުރުމަށް އެކި ފަރާތްތައް ފުލުހަށް ހާޒިރުކޮށް ސުވާލުކުރަމުންދާ ކަމަށް ބުނެފައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ މަނީ ލޯންޑާ ކުރުމުގެ ދައުވާއެއް އުފުލައި ޝަރީއަތް ކުރަމުންނެވެ. އެގޮތުން، އެ ޝަރީއަތުގެ ހުކުމް ކުރުން އޮންނާނީ މާދަމާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާ އަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކޮށް އުފުލާފައިވާ ދައުވާއެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާ ލިބުނު ކަމަށް 267 ފަރާތަކަށް ތުހުމަތު ކޮށްފައިވާއިރު، އޭގެ ތެރޭގައި 8 ފަނޑިޔާރަކާއި، މިހާރުގެ ސަރުކާރުގައި ތިއްބެވި 7 ބޭފުޅަކާއި، 18 ވަނަ މަޖިލީހުގެ 44 މެންބަރުންނާއި 19 ވަނަ މަޖިލީހުގެ 16 މެންބަރެއް ހިމެނެއެވެ. މި ހިޔާނާތުން މަންފާ ލިބުނު ފަރާތްތަކުގެ އަދަދަކީ 155 ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، މިހާރު މި އަދަދު ވަނީ 267 އަށް އިތުރުވެފައެވެ.