އަންނަ އަހަރު ދުވަސްވީ މީހުންނަށް ހާއްސަ 2 މަރުކަޒެއް ގާއިމްކުރަން ނިންމައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ 2 މަރުކަޒެއް ހެދުމަށް ވަނީ ނިންމާފައެވެ. މި ދެ މަރުކަޒު ގާއިމްކުރަން ނިންމާފައިވަނީ ހުޅުމާލޭގައި އާއި ލ. އަތޮޅުގައެވެ.

2020 ވަނަ އަހަރު ބަޖެޓުގައި އިޖުތިމާއީ ރައްކާތރިކަމަށް 3.9 ބިލިއަން ރުފިޔާ ހަރުދު ކުރުމަށް ކަނަޑައަޅާފައިވާއިރު އޭގެތެރެއިން 98 އިންސައްތައަށް ވާ 3.9 ބިލިއަނަކީ ރިކަރަންޓް ހަރަދު، އަދި ބާކީ 2 އިންސައްތައަށްވާ 62 މިލިއަނަކީ ކެޕިޓަލް ހަރަދެވެ. އެގޮތުން ދުވަސްވީ މީހުންގެ ދެ މަރުކަޒު ގާއިމް ކުރުމަށް 14 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އަންހެނުންަށް ފަރުވާދޭ ރެސިޑެންޝަލް ފެސިލިޓީއެއް ގާއިމު ކުރުމަށް 7 މިލިއަން ރުފިޔާއާއި ކުޑަކުދިންނާ ގުޅޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމު ކުރުމަށް 37 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ގާއިމުކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަކާއި ކުޑަކުދިންގެ ހިޔާއެއްކަން ފާހަގަކޮށްލެވެއެވެ. ހާއްސަ އެހީައށް ބޭނުންވާ ފަރާތަކަށް ހުންނަ މަރުކަޒު ހުންނަނީ ކ. ގުރައިދޫގައެވެ. އަދި ކުޑަކުދިންގެ ހިޔާ ހުންނަނީ މާލެ ސިޓީގެ ދެއަވަށެއް ކަމުގައިވާ ވިލިމާލެ އަދި ހުޅުމާލޭގައެވެ. އުމުރުން ދުވަސްވީ މީހުންނަށް މިފަދަ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރާ މީ ފުރަތަމަ ފަހަރު ކަމަށް ވީ އިރު އާއިލާއިން އަޅާނުލާ ދޫކޮށްލާ އުމުރުން ދުވަސްވީ މީހުން މިއަދާ ހަމައަށް އައި އިރު ބަލަހައްޓަމުން ދިޔައީ ކ. ގުރައިދޫގައި ހުންނަ މަރުކަޒުނެވެ.